އަތޮޅު ކައުންސިލްތައް އުވާލާތީ ބ.އަތޮޅު ކައުންސިލުން ސުޕްރީމް ކޯޓަށް

348535_ea1f02ca-8_-scaled.jpg

ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލަން ނިންމާފައިވާތީ އެކަން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ބ. އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

އަންނަ އަހަރު އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލުމުގެ ގޮތުން ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބ. އަތޮޅު ކައުންސިލުގެ ބައްދަލުވުމުގައި ވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާތީ، އެ މަސައްކަތް މަޖިލީހުން ހުއްޓާލުމަށް ގޮވާލާ ބަޔާނެއް ނެރުމަށާއި، އަދި މި ދުސްތޫރީ މައްސަލަ އަތޮޅު ކައުންސިލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމައިފަ އެވެ.

އަދި އެހެން އަތޮޅުތަކަށް ބ. އަތޮޅު ކައުންސިލުން ދައުވަތު ދީގެން އިހުތިޖާޖު ކުރުމުގެ ހަރަކާތެއް މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ނިންމާފަ އެވެ.

އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަތިވެރި ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން ކަމަށާއި ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކިވާނެ ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނު އަސާސީ އިސްލާހުކުރާނެ ކަމަށާއި މަޖިލީހުގެ ޖަލްސާތައް ދެން ފެށުމުން އެކަމާ ގުޅޭ ބިލު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމުން ރައްޔިތުން އިތުރަށް ބާރުވެރިވާނެ ކަމަށާއި އެގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ސީދާ ދެން މަސައްކަތް ކުރާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލް ކަމަށެވެ. މިކަން ކުރުމަށް އަތޮޅު ކައުންސިލެއް ބޭނުމެއް ނުވާނެ ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން، ރައްޔިތުން ބާރުވެރިކުރުވަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރަށް ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމާ ގުޅޭ ބިލުވެސް މަޖިލީހުގެ ކުރިއަށް އޮތް ދައުރު ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top