އޭދަފުށީގެ އިރުދެކުނުން ކަނޑަށް އެޅުނު ލަކުޑިފަތިތަކެއް އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
މިއީ އޭދަފުށީގެ އިރުދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން ދޯންޏެއް އަރިއަޅައިލުމުގެ ސަބަބުން ކަނޑަށް އެޅިގެން އޮޔާދާ ތަކެއްޗެވެ.
ފުލުހުން ބުނި ގޮތުގައި ސަޕްލައި ދޯނި އަރިއަޅާލީ ދޯންޏަށް ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެން ދިއުމާ ގުޅިގެންނެވެ.
މި ތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ އިރުމައްޗަށެވެ. އެހެންކަމުން، މި ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޚާއްޞަކޮށް، ރޭގަނޑުގެ ވަގުތުތަކުގައި މި ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކުން އިތުރަށް ސަމާލުވުމަށް ވަނީ ދަންނަވައިފައެވެ.
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިގޮތުން ކަނޑުދަތުރު ކުރައްވާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގެވުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި، ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރެއްވުމަށް ވަނީ އެދިފައެވެ.






