ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކިވުމުން މިހާރު ދެމުން އަންނަ އިނާޔަތް ދޭން ނުޖެހޭކަމަށާއި އިތުރު އިންޝުއަރެންސް ވެސް ލިބެން ނުޖެހޭ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މަޖިލީހުގެ ޚިޔާލު ހޯދުމަށް އޭނާ މިއަދު މަޖިލީހަށް ހުށައެޅުއްވި ގަރާރުގެ ބަހުސް ގައެވެ.
ޝުޖާއު ގަބޫލު ކުރައްވާގޮތުގައި މަޖިލިސް މެންބަރުންނަށް ދޭ އިންޝުއަރެންސް އޭނާ މެންބަރުކަމުން ވަކިވުމުންވެސް އުމުރު ދުވަހަށް ލިބޭކަށް ނުޖެހެއެވެ.
”އަޅުގަނޑު މިދަންނަވަނީ މުސާރަ ކުޑައޭ އިއްޒަތްތެރި ރައީސް. އެހެންނަމަވެސް ލިބެންޖެހޭ އިންޝުއަރެންސްތަކާއި މިކަންތައްތަކަކީ މެމްބަރުކަމުން ވަކިވުމަށްފަހު ލިބެންޖެހޭނެ އެއްޗެއް ކަމަށް އަޅުގަނޑު ގަބޫލުނުކުރާ ވާހަކަ މިދަންނަވަނީ“ ޝުޖާއު މިއަދު ވިދާޅުވިއެވެ.
ހަމައެއާއެކު މަޖިލީހުގެ މެންބަރުކަން އެއް ދައުރުކޮށް ވަކިވެ ދިއުމުން އުމުރުން 55 އަހަރުވުމުން އިނާޔަތް ލިބޭ ގޮތަށް އޮތް އޮތުމަކީ ދައުލަތަށް އޮތް ބުރައެއް ކަމަށާއި ވެރިކަންކުރެއްވި ބޭފުޅުންނާއި ފަނޑިޔާރުކަން ކުރައްވާ ބޭފުޅުންގެ އިނާޔަތްތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
“މަޖިލިސް މެންބަރުންނަށް އާސަންދަ އޮވޭ، އަދި ލިބޭ ވަކިން އިތުރު އިންޝުއަރެންސް، ސަރުކާރު ހިއްސާވާކުން ފުނިތަކުގައި މަސައްކަތް ކުރާ މީހުންނަށް އާސަންދަ ލިބޭ އަދި ލިބޭ ކުންފުނިން ލިބޭ އިންޝުއަރެންސް، މީ ދައުލަތަށް ބުރަ ބޮޑުވާކަމެއް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މެންބަރުކަން ކޮށްފައި ވަކިވެގެންދާއިރު އިނާޔަތް ލިބޭ ގޮތަށް އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫން،” ޝުޖާއު ވިދާޅުވިއެވެ.