ހަވީރުނޫސް ނެރުން ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރެފި

big_M1vpDQ3vZvy8bwG.jpg

ރާއްޖޭގައި ޗާޕްކޮށްގެން މިހާތަނާ ހަމައަށް ނެރެމުން އަންނަ އެންމެ ގިނަދުވަސްވީ ނޫސް “ހަވީރު ” ހުއްޓާލުމަށް ސިވިލްކޯޓުން ވަގުތީއަމުރެއް ނެރެފިއެވެ. މި އަމުރު މިގޮތަށް ނެރެފައިވަނީ ހަވީރު ނޫހުގެ މިލްކުވެރިކަމާމެދު އެކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެނެވެ.

“ހަވީރު” ނޫހާއި އެ ނޫހުގެ ދަށުން ހިންގާ ލޯމާފާނު ޕްރިންޓްގައި ހިއްސާ އޮންނާނެ ކަމަށް ބުނެ އެނޫހުގެ ޗެއާމަން ޑރ. ޒާހިރު ހުސައިނާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައިވަނީ ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުއާގޭ އިބްރާހިމް ރަޝީދު މޫސާ އެވެ. މި މައްސަލައިގާ ސިވިލް ކޯޓުން 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުކުމްކޮށްފައިވަނީ  ހަވީރު ނޫހާއި ލޯމާފާނު ޕްރިންޓްގައި އެ ދެ ބޭފުޅުންގެ ހިއްސާއެއް ނެތް ކަމަށާއި އެތަނުން ލިބުނު ފައިދާގެ އެއްވެސް މިންވަރެއް އެ ދެ މީހުންނަށް ދޭން ނުޖެހޭނެ ކަމަށެވެ.

ދަށު ކޯޓުން މި ގޮތަށް ހުކުމް ކުރުމުން އެ ދެ ބޭފުޅުންގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެ މައްސަލަ ބެއްލެވުމަސްފަހު ހައި ކޯޓުން ހުކުމް ކުރީ، ހަވީރަކީ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދުގެ ހިއްސާ ވެސްވާ ކަމަށެވެ.

ފާރޫގާއި އިބްރާހިމް ރަޝީދު ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނީ ހައިކޯޓުން ކުރި ހުކުމުގައިވާ ހައްގުތައް އެ ބޭފުޅުންނަށް ހޯދައިދިނުމަށް އެދި އެވެ. ހައިކޯޓުން ކުރި ހުކުގައި، ފާރޫގާއި އިބްރާހިމް ރަޝީދާ ކޮންމެ ބޭފުޅަކަށް ފައިދާގެ ހަތަރު ބައިކުޅަ އެއް ބައި ދިނުމަށް އަންގާފައިވެއެވެ.

އެކޯޓުން މިއަދު ނެރެފައިވާ އަމުރުގައިވަނީ ގ. ކޮއްކިރި ފާރޫގު ހަސަން އާއި ހ. މީރުބަހުރުގޭ އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުން ނެތްގޮތަށް ހަވީރުނޫސް ހިންގުން ވަގުތީގޮތުން ހުއްޓާލުމަށެވެ. އަދި ހަވީރު ނޫސް އެޖެންސީގެ އެއްވެސް ބޭންކް އެކައުންޓަކުން އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށާއި އަދި ނޫހާއި ނޫސް އެޖެންސީގެ އެއްވެސް ކަމެއް ފާރޫގާއި ރަޝީދުގެ ބައިވެރިވުމެއް ނެތި ކުރިއަށް ނުގެންދިއުމަށް ވެސް އަމުރުގައިވެ އެވެ.

މީގެއިތުރަށް ބުނެފައިވަނީ އެގޮތަށް އެއަމުރު ނެރުނީ ދައުވާ ކުރާ ދެ މީހުންގެ 50 ޕަސެންޓް ހަވީރުގައި އޮތުމާއި މިހާރު ހަވީރު ހިންގާ ހ. ނީލްވިލާ މުހައްމަދު ޒާހިރު ހުސައިންގެ ހިއްސާ އޮންނަނީ 25 ޕަސެންޓަށް ވުމުން މައްސަލަ ހުށަހެޅި ދެ ފަރާތަށް ލިބޭނެ ގެއްލުމަކަށް ބަލާފައި ކަމަށެވެ. އަދި އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާއަކީ ވަގުތީ އަމުރަށް އެދުުމުގެ ސިފަ ލިބިގެންވާ ދެމީހުން ކަމަށް ވެސް ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top