ހެނދުނުގެ ނާސްތާ ދެނީ ފުދުންތެރިކަން ނެތް އާއިލާތަކުގެ ކުދިންނަށް ؟

46403318_2647930698566797_1858491765556772864_n.jpg

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ އަކަށް ކިރާއި ދޮންކެޔޮ ދޭން ކަމަށް ރައީސް އިބޫ ވެވަޑައިގެންފައިވާ ވައުދު ފުއްދުމުގެ ގޮތުން ހެނދުނުގެ ނާސްތާ އަމާޒުކުރާނީ ފުދުންތެރިކަން ނެތް އާއިލާތަކުގެ ކުދިންނަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް 50 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ބަޖެޓް ދިރާސާކުރާ ކޮމެޓީގައި މެންބަރަކު މިކަމާގުޅިގެން ސުވާލު ކުރުމުން މިނިސްޓަރ އަމީރު ވިދާޅުވީ ބެލެނިވެރިންނަށް ފައިސާ ދީގެން އެކަން ކުރާ ގޮތަށް ވިސްނާފައިނުވާ ކަމަށާއި އެގޮތަށް ކަންތައް ކުރުމުން ކުދިންނަށް ނާސްތާ ލިބޭނެކަން ކަށަވަރު ނުކުރެވޭނެ ކަމަށެވެ. އަދި ކުދިންނަށް ނާސްތާ ދޭނެ ގޮތަކާމެދު މަޝްވަރާ ކުރެވެމުން ދާ ކަމަށް ވިދާޅުވިއެވެ.

“ފުުދުންތެރިކަން ނެތް އާއިލާތަކަށް މިކަންތައް ކުރުން އަމާޒަކީ. ސްކޫލް ކެންޓީނުގައި ނުވަތަ ކުލާސް ރޫމްތެރޭގައި މިކަން ކުރާނީ” އަމީރު ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުދިންނަށް ހެނދުނުގެ ނާސްތާ ދޭނެ ގޮތެއް މުޅިން ފައިނަލް ކޮށް އެމައްސައްކަތް ފެށޭނެ ކަމަށްވެސް އަމީރު ވިދާޅުވި އެވެ.

ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދިނުމަށް ބަޖެޓުގައި ހިމަނާފައިވާއިރު، މިހާރު ރާއްޖޭގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު 87،000 އަށް އަރައެވެ.

މީގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ދަރިވަރުންނަށް ހެނދުނުގެ ނާސްތާއެއްގެ ގޮތުގެ ކިރުތައްޓާއި ދޮންކެޔޮ ފޯރުކޮށްދޭނެ ކަމަށް ވައުދު ވެވަޑައިގެންފައެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު