ދީނީ ސަފްހާ: ނިޔާމަ ދަތުރު

30743267_812709308921748_1568990352403288835_n-1.jpg

ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް                                16ނޮވެމްބަރ އާއި ގުޅޭ

ފަރުދާ ކަހައިލުމުން…

އެމެރިކާގެ ކުރީގެ ރައީސެއްކަމަށްވާ ރޮނަލްޑް ރޭގަން، އޭނާގެ ރައީސް ކަމުގެ ދުވަސްވަރު، އެއްދުވަހަކު ރިޔާސީ ގަނޑުވަރު “ވައިޓްހައުސް” އިން ނުކުމެ ވަޑައިގަތީ ނުހަނު އުފާފުޅުން ހުންނަވައިގެންނެވެ. ކާރުގެ ޤާފިލާ ދަތުރުކޮށްފައި ދިޔައީ ވޮޝިންގޓަންގެ މަޝްހޫރު ހޮޓަލެއް ކަމަށްވާ ހިލްޓަން އަށެވެ. ޕްރޮގްރާމްގައިވާ ގޮތަށް ރޭގަން އެތާނގައި މޮޅު ތަޤްރީރެއް ކުރެއްވިއެވެ. ތަޤުރީރު ނިންމެވުމަށްފަހު މީހުންގެ ތެރެއިން، ހިނފުޅުވަޑުވަމުން ނުކުމެވަޑައިގެންފިއެވެ. މިގޮތުގައި ވަޑައިގެން އުންޑަ ނާރާގޮތަށް ތައްޔާރު ކުރެވިފައިވާ ލިމޮސީން ކާރުކޮޅާ ދެތިން ފޫޓު ކައިރިއަށް ވަޑައިގެންނެވުނު ތަނާ އެއްވެފައި އޮތް މީހުން ގަނޑުގެ ތެރެއިން ބަޑި ޖަހާ އަޑު އިވިއްޖެއެވެ. ބަޑިޖެހި ޒުވާނާ އެންމެ ދެ ސިކުންތުގެ ތެރޭގައި 6 އުންޑަ ފޮނުވާލިއެވެ. އެއް އުންޑަ ރޭގަންގެ ގައިކޮޅަށް އެރިއެވެ. ހަމަ އެވަގުތު ރައީސް ހަސްފަތާލަށް ގެންދެވުނެވެ. ކުއްލިއަކަށް ގައިކޮޅަށް އުންޑަތަކެއް އެރުމުން ރޭގަންގެ ޙާލުކޮޅު ބަދަލުވެގެން ދިޔަ ގޮތް ސިފަކޮށްދެމުން 3 މާރޗް 1981 ގެ “ޓައިމްސް އޮފް އިންޑިއާ” ގައި ރިޕޯޓަރަކު ލިޔެފައިވެއެވެ.

“އެ ވަގުތު ރޭގަން ވަރަށް ބޮޑަށް ޙައިރާންފުޅު ވިއެވެ. މޫނުފުޅު މަތިން ފައުޅު ވެވޭހުރި ހިނިތުންވުން ގެއްލިގެން ހިނގައްޖެއެވެ.”

މިއީ މަރުގެ “ޙަމަލާ” ޔާ ކުރިމަތިލާ މީހާއަށް ކުރިމަތިވާ ޙާލަތުގެ ތަޞްވީރެކެވެ.

އިންސާނާ ހީކުރަނީ އޭނާއަކީ މި ދުނިޔޭގައި ބޭނުން ގޮތަކަށް އުޅެން އައި، މިނިވަނެއް ކަމަށެވެ. އޭނާ ބޮޑާކަމާއެކު ހިތަށް އެރި ވާހަކައެއް ދައްކައެވެ. ހިތަށް އެރި ކަމެއް ކުރެއެވެ. މީހެއްގެ މުދާގަނޑެއް އަތްމައްޗަށް އެރުމާއެކު ތިމާގެ އަމިއްލަ އެއްޗެއް ކަމަށް ހީކުރެއެވެ. ބާރެއް ލިބުމާއެކު އެ ބާރުގެ ބޭނުން ކުރަނީ ދުވަހަކުވެސް ތިމާގެ އަތުން ނެގޭނޭ ބާރެއް ނޫންކަމަށް ބަލައިގެންނެވެ. އެންމެންވެސް މި ތިބެނީ އުފަލުން ފޮޅިފައެވެ. “ލިމޮސިންއާ ދިމާއަށް” ހިނިތުންވެ ތިބެގެން ހިނގަނީއެވެ. މިފަދަ ޙާލެއްގައި އުޅެނިކޮށް ކުއްލިއަކަށް ފަރުދާ ކަހައިލެވެއެވެ. މަރުގެ މަލާއިކަތާ އޭނާ މި ދުނިޔެއިން ނެރުއްވައިގެން ގެންދަވައި އެހެން ދުނިޔެއަކަށް ވައްދަވައެވެ.

މިއީ ކޮންމެ މީހެއްގެ ޙަޔާތުގައިވެސް އަންނަ ބިރުވެރި ވަގުތުކޮޅެކެވެ. މި ވަގުތުކޮޅު އައިސް ޖެހުމުނީމާ ހީކޮށްގެން ހުރި ގޮތާ ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުން ބިރުން ތެޅިގަނެއެވެ. ތިމާ ޙަޤީޤަތެއް ކަމަށް ހީކޮށްގެން އުޅުނު ކަންތައްތަކަކީ ފުލޯކެއްކަން އެނގެނީ ދެނެވެ. މިނިވަނެއް ކަމަށް ހީކޮށްގެން އުޅުނުމީހާއަށް ތިމާގެ އެއްވެސް ބާރެއް، އިޚުތިޔާރެއް ނެތްކަން އެނގިދެއެވެ. ބޮޑު މުދާގަނޑެއްގެ މެދުގައި ހުރި މުއްސަނދިމީހާ، ހުސްއަތާ ދާންޖެހިދެއެވެ. ބާރުގަދަ މީހެއް ކަމަށް ހީކޮށްގެން އުޅުނު މީހާ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ދުނިޔޭގައި މެހި، މާބުރަށްވުރެވެސް ދެރަކަން އެނގިދެއެވެ. ތިމާޔާ އެކުގައި ވަރަށް ގިނަ އެކުވެރިން އެބަތިބި ކަމަށް ހީކުރި މީހާއަށް ތިމާއަކީ އެކަނިވެރިއެއްކަން އެނގިދެއެވެ.

އާހ… މި ހުރިހާ ކަމެއް އެންމެ މޮޅަށް އެނގެންވާ އިންސާނާއަށް މިއިން އެއްވެސް ކަމެއް ނޭނގޭ ކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.

ފިޠުރަތުގެ ދީން

ކަނޑުގައި ދަތުރުކުރާ މީހާ، އޭނާ އެއްގަމުގައި ދަތުރުކުރާ ގޮތަށް ގޮސް ކަނޑަކަށް އެރިއެއް ނުގަނެއެވެ. އޭނާ ދަތުރުކުރަނީ ކަނޑު ދަތުރު ކުރާ އުޅަނދެއްގައެވެ.

މިގޮތަށް ޢަމަލު ކުރާ މީހާ ނޭނގި ނަމަވެސް ތިމަން މި އުޅެނީ އަމިއްލަ ބާރު ފޯރާ ތަނެއްގައި ނޫންކަމާއި، ﷲ ސުބްޙާނަހޫ ވަތަޢާލާ ހައްދަވައިފައިވާ ދުނިޔެ އެއްގައި ކަމަށް އިޢުތިރާފު ވަނީއެވެ. މި ދުނިޔޭގައި ހިނގާނީ އެކަލާނގެ ކަނޑައަޅުއްވާފައިވާ ޤާނޫނުތަކެއް ކަމަށް އެއްބަސް ވަނީއެވެ. އިންސާނާ ވަނީ މި ޤާނޫނުތަކަށް ބޯލަނބަން މަޖުބޫރުވެފައެވެ. އިންސާނާއަށް މިއީ ތިމަން އަމިއްލައަށް ހަދާފައި އޮތް ދުނިޔެއެކޭ ހީވެއްޖެނަމަ އެއްގަމުގައި ހިނގާ ގޮތަށް ކަނޑުގައިވެސް ހިނގަން މަސައްކަތް ކުރާނެއެވެ.

އިންސާނާ އޭނާގެ ދިރިއުޅުމުގެ “ފަންސާސް އިން ސައްތަ” ހޭދަކުރަނީ މިދެންނެވި ފިޠުރީ ޤާނޫނުތަކާ ދެކޮޅު ހެދުމުގައެވެ. އަނެއް “ފަންސާސް އިން ސައްތަ” ހޭދަކުރަނީ އެ ޤާނޫނުތަކަށް ބޯލަނބައިގެންނެވެ. އިސްލާމްދީން ގޮވައިލަނީ އިންސާނާ ސަތޭކައިން ސަތޭކައަށް ފިޠުރީ ޤާނޫނުތަކަށް ބޯލަނބާށެވެ.

އިންސާނާގެ ޙަޔާތުގެ އެއްބަޔަކީ ޠަބީޢީ ބައެވެ. އަނެއް ބަޔަކީ އަޚްލާޤީ ބައެވެ. ޠަބީޢީ ބައިގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ހެއްދެވި އެހެން މަޚުލޫޤުންނެކޭ އެއްފަދައިން އިންސާނާ ފިޠުރީ ޤާނޫނުތަކަށް ފުރިހަމައަށް ބޯލަނބައެވެ. އެހެންނަމަވެސް އަޚުލާޤީ ބައިގައި މި އުޞޫލު ދޫކޮށް ތިމާގެ އަިއްލަ މަގެއް ޚިޔާރު ކުރެއެވެ. ކިޔަމަންތެރިކަމުން ދުރުވެ، ބަޣާވާތް ކުރެއެވެ. އިސްލާމްދީން ޤަބޫލު ކުރުމަކީ މި ބަޣާވާތުން ދުރުވެ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ފުރިހަމައަށް ކިޔަމަން ގަތުމެވެ.

މާއްދީ ކަންތައްތަކުގައި ފިޠުރީ ޤާނޫނުތަކާއި ޚިލާފުވުމާއެކު އޭގެ ނަތީޖާ ވަގުތުން ފެނިދެއެވެ. އިންސާނާ މާއްދީ ކަންތައްތަކުގައި ފިޠުރީ ޤާނޫނުތަކާ ޚިލާފުވާން މަސައްކަތް ނުކުރަނީ އެހެންވެގެންނެވެ. އަޚުލާޤީ ކަންތައްތަކުގެ ނަތީޖާ ވަގުތުން ފެންނާކަށް ނުހުރެއެވެ. އަޚުލާޤީ ކަންތައްތަކުގައި އިންސާނާ ފިޠުރީ ޤާނޫނުތަކާއި ޚިލާފުވަނީ އެހެންވެގެންނެވެ.

ދަނޑުވެރިޔަކު ދަނޑު ހައްދާއިރު އެކަމަށް ކަނޑައެޅިފައި އޮންނަ އުޞޫލުތަކާ ޚިލާފުވާނަމަ އެ ދަނޑުން އޭނާއަށް ގޮވާން ކަނޑާކަށް ނުލިބޭނެއެވެ. ހަމަ އެހެންމެ މި ދުނިޔޭގައި ހަމަޖެހިފައިވާ އަޚުލާޤީ އުޞޫލުތަކަށް ބޯނުލަނބާ މީހާ ޤިޔާމަތް ދުވަހުން ޖެހޭނީ ލަދު ގަންނާށެވެ.

އިންސާނާގެ ބަލިކަށިކަން

ބަންގްލަދޭޝް އަކީ ކުދި ޖަޒީރާ ރަށްތަކެއް ހިމެނޭ ގައުމެކެވެ. މި ޤައުމަކީ ވަރަށް ގިނައިން ޠޫފާން އަންނަ ޤައުމެކެވެ. މި ޠޫފާންތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. މިހާތަނަށް ރެކޯޑުތައް ދައްކާގޮތުން 1876 ވަނަ އަހަރަކީ ބަންގްލަދޭޝް އަށް އެންމެ ވަރުގަދަ ޠޫފާން އައި އަހަރެވެ. ޠޫފާނުގައި ގާތްގަނޑަކަށް ތިންލައްކަ މީހުން މަރުވިއެވެ. މީގެ އިތުރަށް އެތައް ބަޔަކަށް ގެއްލުން ލިބުނެވެ.

މޭ 1985 ގައި ބަންގްލަދޭޝް އަށް ޠޫފާނެއް އައެވެ. މި ޠޫފާނުގައި އެ ޤައުމުގެ ގާތްގަނޑަކަށް އެއްހާސް ރަށަކަށް ގަޑިއަކު 150 ކިލޯ މީޓަރު ބާރުމިނުގައި ވައި އެރިއެވެ. އަދި ކަނޑުގެ ރާޅު 4 މީޓަރަށް ބޮޑުވެ އެއްގަމަށް ބިންދަން ފެށިއެވެ. މި ޠޫފާނުގައި ޖެހި ގާތްގަނޑަކަށް އެއްލައްކަ މީހުން ހަލާކުވެގެން ދިޔައެވެ. އެތައް އަވަށެއް ކަނޑުގެ ރާޅާ އެކުވެ ދޮވެވިގެން ހިނގައްޖެއެވެ. އެއްލައްކަ މީހުން މަރުވިއެވެ. އެތައް އަވަށެއް ހިކިހުއިހެން ޠޫފާނުގެ ތެރޭގައި ބެހިގެން ހިނގައްޖެއެވެ. ނޫހުގައި މި ޠޫފާނުގެ ވާހަކަ އަންނަނިވި ޢިބާރާތުން ލިޔެފައިވެއެވެ.

“އުރިރް ޝަރް… ހީވަނީ ކެނޑިނޭޅި އެތައް އިރަކު ބޮން އަޅާފައިވާ ތަނެއްހެންނެވެ. އެއްވެސް ޢިމާރާތެއް، ކޮންކްރީޓް ތަންބެއް ކޮޅަކަށް ނެތެވެ. ޠޫފާނުގައި އެރި ރާޅުގައި ހުރިހާ ގެއަކާއި، ޢިމާރާތްތައް ވެއްޓި ކުނިފުނި ތަކަކަށް ވެއްޖެއެވެ.”

29 މޭ 1985 ގައި ނުކުތް އިނގިރޭސި ނޫހެއްގައި ވެއެވެ.

“ޤުދުރަތުގެ ރުޅީގެ ސަބަބުން އިންސާނާގެ އާރެއްބާރެއް ނެތްކަން އެނގި ކަޝްފު ވެދެއެވެ.”

ދިމާވާ އެކިއެކި ޙާދިޡާތަކުން އިންސާނާއަށް ޙަޤީޤަތް ހަނދާންވެއެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމާއި، އިންސާނާގެ ބަލިކަށިކަން ހާމަކޮށްދޭ އިޢުލާނެކެވެ. މި ޙާދިޡާތަކުން ބުނެ އަންގަނީ މިއަދު ޠޫފާން އިންސާނާގެ މައްޗަށް ގަދަވެގަންނަ ފަދައިން އާޚިރަތް ދުވަހުން ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާއަށް އެކަލާނގެ ގަދަފަދަވަންތަކަން ދައްކަވާނޭ ވާހަކައެވެ. މި ދުނިޔޭގައި އިންސާނުން ބަލިކަށި ކަމަށް ކެތް ކުރެއެވެ. ކުރެވުނު ފާފަތަކުގެ ޢަޒާބަށް އާޚިރަތް ދުވަހުން ކެތްކުރެވޭނެ ބާވައެވެ؟

ލޯތްބާއި ނަފުރަތު

ފިލިޕް ޖޯން ބޭޔަރ  (Philip John Bayer)އަކީ މޮރޮކޯގެ ވަރަށް މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާއަކީ ކުއެކަރސްޓޭޓް ރިފައިނިންގ ކޮމްޕެނީގެ ބާނީއެވެ. އޭނާއަށް ލިބުނީ އެންމެ ފިރިހެން ދަރިއެކެވެ. މި ދަރިފުޅު މަރުވިއިރު ދަރިފުޅުގެ އަންހެން ދަރިޔަކު ހުރެއެވެ. އެއީ އެލީނާ ރިޗީ (Eleaner Ritchey)  އެވެ.

އެލީނާ ރިޗީ އަކީ މުއްސަނދިވެގެން ގޮސް ފައިސާއިން އުދުހުނު މީހެކެވެ. އެހެންނަމަވެސް އޭނާ އިންސާނުންނަށް ނަފުރަތު ކުރެއެވެ. ނަތީޖާއެއްގެ ގޮތުން މުޅި ޢުމުރު ހޭދަކޮށްލީ މީހަކާ ނުއިނދެއެވެ. އޭނާ މަރުވީ 14 އޮކްޓޯބަރ 1968 ގައެވެ. އޭރު ޢުމުރަކީ 58 އަހަރެވެ. އިންސާނުންނާ ދުރުގައި އުޅެގެން އެކަނިވެރިކަން ފިލުވަން އޭނާ ޢަޖާއިބުވާ ކަހަލަ ކަންތައްތައްކޮށް އުޅުނެވެ. މިސާލަކަށް ވަރަށް ގިނަ ޢަދަދަކަށް ފައިވާން ގަތުން އާދައަކަށް ހަދާފައި ވެއެވެ. ކޮންމެ ފައިވާނަކަށްވެސް އަރަނީ އެންމެ ފަހަރަކުއެވެ. އޭނާ މަރުވިއިރު އަތުގައި ހުރި ފައިވާނުގެ ޢަދަދު 1707 އަށް އަރާފައި ވެއެވެ. މީގެ އިތުރުން ކަރުދާސް އަޅާފޮށީގެ 1224 ފޮށި އޭނާގެ ގެއިން ފެނުނެވެ. މިނޫނަސް މިކަހަލަ އެތައް އާދައެއް އޭނާގެ ކިބައިގައި ހުރިކަމަށް ވެއެވެ.

މިބާވަތުގެ ކަންތައްތަކުގެ ތެރެއިން އެންމެ ޙައިރާންވާ ކަމަކީ ކުއްތާ ގެންގުޅުމެވެ. މަގުމަތީގައި ދުވެ އުޅޭ ވަގު ކުއްތާއެއް ހަމަ ފެނުމާއެކު ގެޔަށް ގެނެސް ފަރުވާތެރިކަމާއެކު ގެންގުޅެން ފަށައެވެ. މިހެންގޮސް އެގޭގައި 150 ކުއްތާ ހަމަވެއްޖެއެވެ. މި ފައުޖު ބޮޑުވެގެންގޮސް ގޭގައި ގެންގުޅެވޭ ވަރު ނުވެގެން އެންމެ ފުރަތަމަ 12 އޭކަރ، އޭގެ ފަހުން 180 އޭކަރުގެ ބިން ގަނެފިއެވެ. އެބިމުގައި ޚާއްޞަ އިންތިޒާމު ތަކެއްކޮށް ކުއްތާ ގެންގުޅެން ފެށިއެވެ.

އެލީނާ ރިޗީ މަރުވުމުގެ ކުރިން ވަޞިއްޔަތުނާމާއެއް ތައްޔާރު ކުރުވިއެވެ. މި ވަޞިއްޔަތުނާމާގައި ލިޔެފައިވާ ގޮތުގައި އޭނާ މަރުވުމަށްފަހު ހުރިހާ މުދަލެއް ލިބޭނީ އޭނާ ގެންގުޅުނު ކުއްތާތަކަށެވެ. މަރުވަމުންގޮސް ހުރިހާ ކުއްތާތައް މަރުވީމާ ހުރިހާ ފައިސާއެއް ލިބޭނީ އެމެރިކާގެ އަލަބާމާގައި ހުންނަ ޖަނަވާރާބެހޭ ޢިލްމު އުނގަންނައިދޭ އިސްކޫލަކަށެވެ.  އެ އިސްކޫލަކީ School of Veterinary Science   އެވެ.

އޭނާ ގެންގުޅުނު ކުއްތާތަކުގެ ތެރެއިން މިހާރު ދިރި ދުނިޔޭގައި އޮތީ އެންމެ ކުއްތާއެކެވެ. އެ ކުއްތާގެ ނަމަކީ މަސްކަޓިއަރ  (Musketeer) އެވެ. އެސޮރުގެ ޢުމުރުން 23 އަހަރު ވެއްޖެއެވެ. ބަލިކަށިކަމުންގޮސް ކިރިޔާ ހިނގެނީއެވެ. އެސޮރު ވަރަށް އަވަހަށް މަރުވެދާނެއެވެ. އެއާއެކު ވަޞިއްޔަތުނާމާގައި ބަޔާން ކުރެވިފައިވާ އިސްކޫލަށް ކުއްލިއަކަށް ބާރަ މިލިއަން ޑޮލަރު ލިބިދާނެއެވެ.

އިންސާނަކަށް އޭނާ ގަޔާވާ ކަހަލަ އިންސާނަކު ނުފެނުނުނަމަ، ގަޔާވާ ކަހަލަ ނަޒަރިއްޔާއެއް ނުވަތަ އުޞޫލެއް ފެނޭތޯ ބަލާށެވެ. އެލީނާ ރިޗީ އަށް މިފަދަ ނަޒަރިއްޔާއެއް ނުވަތަ އުޞޫލެއް ޙާޞިލު ކުރެވުނުނަމަ އިންސާނުން ދެކެ ރުޅި އައުމުގެ ބަދަލުގައި ނުހަނު ބޮޑަށް ލޯބި ވީހެވެ.

ބާރެއްނެތް ފަރާތަކުން އެހީއަށް ނޭދޭށެވެ!

ފަރަންސޭސިވިލާތުގައި ސިހުރު ހެދުމާއި، ފާލުބެލުންފަދަ ކަންތައްތައް ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. ދިރާސާތަކުން ދައްކާގޮތުގައި 1984 ވަނަ އަހަރު ފަރަންސޭސިވިލާތުގައި ތިބި މީހުންގެ ތެރެއިން 8 މިލިއަން މީހުން ސިހުރުވެރިންނާއި، ރަމަލުވެރިންގެ ބޭނުން ހިފައެވެ. މާނައަކީ ކޮންމެ ހަތަރު މީހަކުން އެކަކު ސިހުރާއި، ފާލުބެލުން ފަދަ ކަންތައްތައް ޤަބޫލު ކުރެއެވެ.

ފަރަންސޭސިވިލާތުގައި ސިހުރު ހެދުމާއި، ފާލުބެލުން ވަނީ ވިޔަފާރިއަކަށް ވެފައެވެ. ޓެކްސް ނަގާ މަޙުކަމާއިން ބަޔާންކުރާ ގޮތުގައި އެތާނގައި މިބާވަތުގެ ފަންސާސްހާސް މީހުން ޤަވާޢިދުން ރަޖިސްޓްރީ ކުރެވިފައި ވެއެވެ. މިއީ ފަރަންސޭސިވިލާތުގައި އުޅޭ ފާދިރީންނާއި، ޑޮކްޓަރުންނަށްވުރެ މާގިނަ ޢަދަދެކެވެ. މިވެރިންގެ އާމްދަނީ އަހަރެއްގެ މައްޗަށް 500 އާއި 600 މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދަކަށް އަރައެވެ.

ޕެރިހުން ފޮނުވި ރިޕޯޓެއްގައި އޭއެފްޕީ ނޫސް އެޖެންސީން ބަޔާން ކޮށްފައި ވެއެވެ.

“އިޤްތިޞާދީ ޙާލަތު ދަށަށް ދިއުމުން ތިމާގެ ޖިސްމާނީ އަދި ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދަން ކަހީނުންގެ ގާތަށްދާ މީހުން ދަނީ ގިނަވަމުންނެވެ.” (ޓައިމްސް އޮފް އިންޑިއާ – 5 މާޗް 1985)

ހަމަ ލޮލަށް ފެންނަން ހުންނަ ސަބަބުތަކުން ނުވަތަ ކަންތައްތަކުން އެހީ ހޯދުމަކީ މުޅިން ރަނގަޅު ކަމެއް ނޫން ކަމަށް އިންސާނާ ތަކުރާރުކޮށް ތަޖުރިބާ ކުރަމުން ދެއެވެ. މި ތަޖުރިބާ ކުރެވުމާއެކު އިންސާނާ މަސައްކަތް ކުރަނީ ފެންނަން ނެތް ވަސީލަތްތަކަކުން އެހީ ހޯދާށެވެ. ފެންނަން ނެތް ވަސީލަތްތަކުން އެހީ ހޯދަން އިންސާނުންނާ ދިމާއަށް އަތްދިއްކުރުމަކީ ކަނޑައެޅިގެން ކުށެކެވެ. އެއީ އެހީއެއް ފޯރުވޭނޭ ބާރެއްނެތް ފަރާތަކުން އެހީއަށް އެދުމެވެ.

ޙަޤީޤަތުގައި އިންސާނާއަށް އެހީއެއް ފޯރުވުމުގެ ބާރު ލިބިފައިވަނީ އެންމެ ފަރާތަކަށެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. މާއްދީ ވަސީލަތްތަކުން ތިމާ ބޭނުންވާ ހުރިހާ ބޭނުމެއް ނުފުދެނީ އިންސާނާ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ބޯލަނބަން ޖެހޭތީއެވެ. މާއްދީ ވަސީލަތްތަކުން އެހީ ނުލިބިގެން، އެއްވެސް ބާރެއްނެތް ފަރާތަކަށް ރުޖޫޢަވާ މީހާއަކީ ތެދުމަގުގެ އަލި ފެނިފައި އެމަގު ގެއްލިއްޖެ މީހެކެވެ.(ނުނިމޭ )

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top