ހުރިހާ ރަށެއްގެ ބޭސް ފިހާރައަކުން ވެސް އަސާސީ ބޭސް ލިބޭނެ އިންތިޒާމު، މިއަހަރުގެ ނިޔަލަށް ލިބޭނެގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ބޭއްވި “އަހާ” ފޯރަމްގެ 9 ވަނަ ބައްދަލުވުމުގައި ޢާންމު ރައްޔިތަކު ރޭ ކުރި ސުވާލަކަށް ޖަވާބުދެމުން ގީލާ ވިދާޅުވީ ސްޓޭޓް ފާމަ މެދުވެރިކޮށް ރަށްރަށުގައި ހުރި ބޭސް ފިހާރަތަކަށް އަދި ދިގުމުއްދަތަކަށް މީހުން ބޭނުންކުރާ ބޭސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތަށް ކުރެވޭ މަސައްކަތުން މިއަހަރު ނިމުމުގެ ކުރިން އަސާސީ ބޭސް އަތޮޅުތެރޭގެ ހުރިހާ ފާމަސީތަކުން ލިބެން ހުންނާނެ ގޮތަށް މަސައްކަތް ކުރެވެމުންދާ ކަމަށް ގީލާ ވިދާޅުވި އެވެ.
އަސާސީ ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސް އިން ހާއްސަ ހޮޓްލައިނެއް ވަނީ ތައާރަފްކޮށްފަ އެވެ. މި ހޮޓްލައިން ނަންބަރަކީ 1505 އެވެ.
މި ހޮޓްލައިނަކީ ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް 24 ގަޑިއިރު ޚިދުމަތް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި، މި ނަންބަރު މެދުވެރިކޮށް ބޭސް ހޯދުމާއި ބޭހާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެންދާނެއެވެ. މީގެ އިތުރުން، އަސާސީ ބޭސްތަކަށް އޯޑަރު ދިނުމާއި، ދީފައިވާ އޯޑަރުތަކުގެ އަދާހަމަ ބަލާލުމުގެ ޚިދުމަތްވެސް މި ނަންބަރު މެދުވެރިކޮށް ލިބޭނެއެވެ.
ދައުލަތުގެ ބޭސް ކުންފުނިން ބުނީ މި ހޮޓްލައިން މެދުވެރިކޮށް ބޭހަށް އޯޑަރު ކުރުމުން، އެ ފަރާތަކާ އެންމެ ގާތް ފާމަސީއެއް މެދުވެރިކޮށް ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ. މި ޚިދުމަތް ފުރަތަމަ މަރުހަލާގައި އަސާސީ ބޭސްތަކަށް ހާއްސަކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެހެނިހެން ބޭސްތަކާއި ޚިދުމަތްތަކަށްވެސް ފުޅާކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.






