ޝައިޚް މަޖީދުގެ ދަރެސް : ރިޝްވަތު ދޭ މީހާއާއި ރިޝްވަތުގައި ހިފާ މީހާއަށް ލަޢުނަތް ލެއްވިއެވެ

korupcija2.jpg

ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ރިޝްވަތަކީ، ޙައްޤުގޮތް ބާޠިލުކަމުގައި ހެދުމަށް ދެވޭ އެއްޗެކެވެ. ނުވަތަ ތިމާއަށް ޙައްޤުނޫން އެއްޗެއް ލިބިގަތުމަށް ދެވޭ އެއްޗެކެވެ.

ރިޝްވަތު ދިނުމަކީ ﷲ ގެ މަގު ގެއްލިފައިވާ އަދި ޝައިޠާނާއަށް ތަބާވާ މީހުންގެ ސިފައެކެވެ.

ހަމަ ޔަޤީނުންވެސް ރިޝްވަތަކީ، މުޖުތަމަޢު ވިއްސިވިހާލި ކޮށްލުމަށް ޝައިޠާނާގެ ހެއްލުންތެރިން މެދުވެރިކުރުވާ އެންމެ ނުރައްކާތެރި އިޖްތިމާޢީ ބަލިތަކުގެތެރެއިން އެއް ބައްޔެވެ. މުޖުތަމަޢުގެ ރިވެތިއަޚްލާޤު ދަށުދަރަޖައަށް ވައްޓާލުމަށް ހިންގޭ ޖަރީމާއެކެވެ. އަދި މީގެ އިތުރުން، ރިޝްވަތު ދޭ މީހާއާއި، ރިޝްވަތުގައި ހިފާ މީހާއަށް ކުރެވޭ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެއް ވެސްމެއެވެ. މި ޖަރީމާ ހިންގާ ފަރާތްތައް އެކިއެކި ޚިދުމަތްތައް ދޭންތިބޭ މީހުންގެ މައްޗަށް ބާރު ފޯރުވައެވެ. އަދި މިކަމުގެ ސަބަބުން ޙައްޤު ލިބެން ޖެހޭ ފަރާތްތަކުގެ ހިތް ނުތަނަވަސްވެ ކަންބޮޑުވުން އުފެދިގެންދެއެވެ. އެއީ ޙައްޤުވެރިޔާގެ ޙައްޤު ލިބިގަތުމަށް އޮތް މަގު ބަންދުވެ އެ ޙައްޤު ހޯދުމަށް އިތުރު އެހެން ގޮތަކުން  މަސައްކަތްތަކެއް ކުރަންޖެހޭނެތީއެވެ.

ޝައްކެއްނެތެވެ. ރިޝްވަތު ދެމުންގޮސް މިހާރު އިސްލާމީ ބައެއްޤައުމުތަކުގައި ރިޝްވަތު ދޭމީހާއާއި ރިޝްވަތުގައި ހިފާ މީހާ މި ފާޙިޝް އަމަލު ހިންގައި އެކަމުގެ ވާހަކަ ދައްކައި އުޅެނީ ފާޅުގައެވެ. ﷲ ބައްލަވާވޮޑިގެންވާކަމާއި އައްސަވާވޮޑިގެންވާކަން ހަނދާނެއް ނެތެވެ. އަދި އެއްވެސް މީހަކު ދެކެ ޖެހިލުންވުމެއް އަދި ލަދުވެތިވުމެއްވެސް ނެތެވެ. ކެރިގެން ފާޅުގައި މިކަންކުރުމަކީ، މިޖަރީމާ ހިންގާ މީހުންގެ ވަށައިގެންވާ އެންމެން، މިޖަރީމާއަށް އަރައިގަތުމަށް ދެވޭ  ވަރަށް ބޮޑު ހިތްވަރެކެވެ.

މިއީ އިސްލާމީ ބައެއްޤައުމުތަކުން ފެންނަމުންދާ ވަރަށްބޮޑު ޙަޤީޤަތެކެވެ. މިކަމުގެ ސަބަބުން މުޅި މުޖުތަމަޢުގައި ބިރުވެރިކަން އުފެދި މުޅި މުޖުތަމަޢުގެ އަމާންކަން ގެއްލިގެން ހިގައިދެއެވެ.

ރިޝްވަތުދޭމީހާއާއި ރިޝްވަތުގައި ހިފާމީހާ އަކީ، ﷲ އެއްކައުވަންތަ ކަލެއްކަމަށާއި، މުޙައްމަދުގެފާނަކީ ﷲ ގެ ނަބިއްޔާ އަދި ރަސޫލާކަމަށް އީމާންވާނަމަ ރިޝްވަތުފަދަ  ބޮޑެތި ފާފަތަކަށް އަރައެއްނުގަންނާނެއެވެ. ބަޤަރާސޫރަތުގެ 188 ވަނަ އާޔަތާމެދު ފިކުރުހިންގާލަމާ ހިނގާށެވެ! އެ އާޔަތުގެ މާނައިގަވެއެވެ. “އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލުގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރިގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް ޙާކިމުންނަށް ނުދޭށެވެ!”  

ރިޝްވަތުގެ މުޢާމަލާތަކީ ޙަރާމްކަމަކަށް ވާއިރު، ރިޝްވަތުގެގޮތުގައި ދެވޭ އެއްވެސް އެއްޗެއް ބޭނުންކުރުން ހުއްދައެއްނުވާނެއެވެ. އެއީ ބާޠިލު މުޢާމަލާތެކެވެ. ކީރިތިރަސޫލާ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރައްވަފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ “ރިޝްވަތު ދޭ މީހާއާއި ރިޝްވަތުގައި ހިފާ މީހާއާއި އަދި ރިޝްވަތުގެ ކަންތައް ހަމަޖެއްސުމަށް އެ ދެމެދުގައި ހިނގާ މީހާއަށް  މާތްﷲލަޢުނަތްލެއްވިއެވެ.”

އިސްވެދިޔަ ބަސްފުޅުން ދޭހަވަނީ، ރިޝްވަތު ދޭ މީހާއާއި ރިޝްވަތުގައި ހިފާ މީހާއާއި އަދި ރިޝްވަތުގެ ކަންތައް ހަމަޖެއްސުމަށް އެ ދެމެދުގައި ހިނގާ މީހާ އަކީ މާތްﷲގެ ރަޙުމަތުން ދުރުކުރައްވާފައިވާ ބައެއްކަމެވެ. މާތްﷲ ރަޙްމަތުން ބޭރުކުރައްވައިފިނަމަ އެމީހަކަށް ދެދުނިޔެ ގެއްލިގެން ހިނގައިދާނެއެވެ. ތިމާއަށާއި ތިމާގެ ޢާއިލާގެ މީހުންނަށާއި އަދި މުޖުތަމަޢަށް ހެޔޮއެދޭނަމަ ރިޝްވަތުގެ ވަބާއިން ސަލާމަތްވުމަކީ ކޮންމެހެން ލާޒިމުކަމެކެވެ.

ދެދުނިޔޭގެ ފަލާޙާއި ކާމިޔާބު ލިބޭހުށީ ހެޔޮބަސް ޤަބޫލުކޮށް ހެޔޮބަސް އަހައިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top