އދ. ފަޅެއް ކައިރިއަށް ފާނަ މަސްވެރިކަން ކުރަން، ފީނަން ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މިއަދު މަރުވެއްޖެއެވެ.
އދ. ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ އެ އަތޮޅުގެ ރަންވެލި ތިލަ ކިޔާ ފަޅެއް ކައިރިން ކަމަށެވެ.
އެ ފަޅު ކައިރިއަށް ފ. ފީއަލީ އަށް ނިސްބަތްވާ ދޯންޏަކުން ފާނައިގެ މަސްވެރިކަމަށް ފައިބައިގެން އުޅެނިގެން އދ. މާމިގިލިން މާލެ ދަތުރުކުރި ލޯންޗެއް ފީނަން އޮތް ބިދޭސީއެއްގެ ގައިގައި ޖެހުނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ހާދިސާގައި އޭނަގެ ގައިމަތިން ލޯންޗް ގޮސް ކަނދުރާއަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ އެވެ.
އެ މީހާ ފާނަ ބާނަން ގޮސް އުޅުނީ ދޯންޏެއްގައި ދިވެއްސަކާއި އިތުރު ހަތަރު ބިދޭސީންނާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ލޯންޗުގެ ކެޕްޓަން ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ދިވެހި ފިރިހެނެއް ކަމަށެވެ. ލޯންޗުން ޖެހުނު މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާއާ ބެހޭ އިތުރު ތަފުސީލެއް ނުދެއެވެ.
ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ލޯންޗަކީ މާމިގިއްޔާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީ ލޯންޗެކެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.