އަމާޒަކީ ހައްޖަށް ގެންދަން ނަގާ އަގު ބައިލައްކަ ރުފިޔާއަށް ކުޑަކުރުން ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ވިދާޅުވީ ހައްޖަށް ދާން ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ. އެހެންވެ އެކަން ހާސިލުކުރުމަށްޓަކައި މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ހައްޖު ދަތުރުތަކުގެ އަގު ކުޑަކުރަން ކަމަށެވެ.
މިހާރު ހައްޖު ދަތުރަކަށް 69،965ރ. ދައްކަން ޖެހެ އެވެ.
ހައްޖު ކޯޕަރޭޝަނަކީ ދިވެހިން ހައްޖާއި އުމްރާ އަށް ގެންދަން ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.