މިއަހަރުގެ މިނިވަން ދުވަހުގެ ޚާއްސަ ޝިއާރު ކަނޑައަޅައިފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ މި އަހަރުގެ މިނިވަން ދުވަހުގެ ކަންތައްތަކުގައި ބޭނުންކުރައްވާނެ ޝިއާރެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅާފައިވާ ކަމަށެވެ. އެއީ ”ދިވެހިންގެ އަމިއްލަވަންތަކަން, ދިވެހިންގެ މިނިވަންކަން“ އެވެ.
ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ ގައުމީ މިނިވަން ދުވަހަކީ، 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖެއަށް މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚީ ދުވަހެވެ.
މިނިވަން ދުވަހާ ގުޅިގެން ކޮންމެ އަހަރަކުވެސް ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ ހަރަކާތްތައް ބާއްވައެވެ.