ހުޅަނގު މޫސުން ފެށިއްޖެ. ކުރިއަށް އޮތީ ވިއްސާރަ

IMG_20220514_120640345.jpg

މޫސުން ގޯސް ދުވަހެއް

ހުޅަނގު މޫސުން އިއްޔެ ފެށިފައިވާ ކަމަށާއި ކުރިއަށް އޮތީ ވިއްސާރަ ދުވަސްވަރެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ދެކުނުގެ ސަރަހަދުތަކަށް އިއްޔެ ހުޅަނގު މޫސުން ފެށިފައިވާ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީ މަހުން ފަށައިގެން މާޗުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުމަކީ ގާތްގަނޑަކަށް މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަޑުތަކަށް ބަލާއިރު، މެއި އެކެއްގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުމާއި އަދި މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން ހިމެނެއެވެ.

އަދި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބޭރުމިނުގައި ޖެހުމާއި، އަދި މިހާލަތާއި ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން ހިމެނެއެވެ.

ހުޅަނގު މޫސުން ފެށިގެން ކުރިއަށް ދާއިރު މިހާރު  ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ތިން ވަނަ ނަކަތް، “ކެތި” ނަކަތެވެ.

ކެތި ނަކަތް ދެމިގެންދަނީ މެއިމަހުގެ ހަޔަކުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ނަކަތާ ގުޅޭގޮތުން މޫސުމާ ބެހޭ އިހުގެ ތަޖުރިބާކާރުން ބުނަނީ، ކެތި ނަކަތަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ފެށިގެން އަންނަ ނަކަތް ކަމުގައެވެ. މި ނަކަތުގައި އާއްމު ގޮތެއްގައި އުޑުމަތި އޮންނާނީ ބަނަކޮށެވެ. ދޭތެރެ ދޭތެރެއިން ވާރޭ ވެހޭއިރު، މި ނަކަތުގައި 7 ކޮޅިގަނޑު ލައިގަންނާނޭކަމަށް އިހުގެ މީހުންގެ ފަރާތުން ވާހަކަ އައިސްފައި އޮވެއެވެ.

ކެތި ނަކަތުގައި ވައި ހުންނާނީ ޖުމްލަ ގޮތެއްގައި 20.37 ކިލޯމީޓަރުގެ ބާރުމިނުގައެވެ. ޖުމްލަ ގޮތެއްގައި 97.4 ގަޑިއިރު އަވިދީފައި އޮންނައިރު، މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top