“ވަރުގަދަ މީހަކީ، ހިފާ ބަލިކުރާ މީހާ ނޫންކަމަށާ އެހެނަސް ވަރުގަދަ މީހަކީ، އޭނާގެ ގާތަށް ރުޅި އަންނަހިނދު، ނަފްސު ކޮންޓްރޯލްކުރާ މީހާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
މިއަދުގެ ޚުތުބާ ޚާއްސަ ކޮށްފައިވަނީ އިސްލާމްދީނުގައި ރުޅިމަޑުކުރުމަށް ބާރުއަޅާ މިންވަރު ބަޔާން ކޮށްދިނުމަށެވެ.
ޚުތުބާގައި ބުނެފައިވަނީ މިއަދު އަހަރެމެންގެ މުޖުތަމައުން ރުޅިމަޑުކުރުމުގެ ރީތި ނަމޫނާތައް ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގައި ފެނިގެންދަނީ ބަދަލު ހިފުމުގެ ރޫހު ކަމަށް ބަޔާން ކޮށްދެމުން އެއަށްފަހު رسول الله صلى الله عليه وسلم ގެ އަންނިވި ހަދީސް ފުޅު ހިމަނާފަވެއެވެ. ”ވަރުގަދަ މީހާއަކީ ހިފާ ބަލިކުރާ މީހާއެއްނޫނެވެ. އެހެނަސް ވަރުގަދަ މީހާއަކީ، އޭނާގެ ގާތަށް ރުޅި އަންނަހިނދު، ނަފްސު ކޮންޓްރޯލްކުރާ މީހާއެވެ!”
ރުޅިމަޑުކުރުމުގެ ޖަޒާއަކީ ސުވަރުގެކަން ހަނދާންކޮށްދީ، ރުޅިމަޑުކުރުމުގެ މުހިންމުކަމުގެ މައްޗަށް ގިނަ ނަސޭހަތްތަކަކާއި ދަރުސްތަކެއް މިއަދުގެ ޚުތުބާގައި ދީފައިވެއެވެ.
ރުޅި މަޑުކުރާ މީހުންނަށާއި، އިހުސާންތެރީންނަށް ހުރި ދަރަޖަ ބަޔާން ކުރައްވައި، މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. “އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ، ތަގުވާ ވެރިންނަށެވެ. އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ހާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިހުސާން ތެރިންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ.“
ރުޅިމަޑުކުރުމުގެ މުހިންމު ކަމާބެހޭ މިނޫންވެސް ގިނަ ހާދިސާތަކާއި، الله سبحانه وتعالى ގެ ވަހީ ބަސްފުޅުތަކާއި، އެކަލާނގެ ރަސޫލާ، رسول الله صلى الله عليه وسلم ގެ ހަދީސްފުޅުތައް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ހިމަނާފައެވެ.