ހައިމާކަށް އަޅާނެ ތެޔޮ ނުލިބިގެން ދުވަސްތަކެއް ވަންދެން މަސަައްކަތް މެދުކެނޑިފައި އޮތް ބ.މާޅޮހު ބަނދަރުގެ މަސައްކަތް އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.
މާޅޮހު ބަނދަރު ވަރަށްބޮޑަށް ހަލާކުވެފައި އޮންނަތާ އެތައް އަހަރެއްފަހުން ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ހަވާލު ކުރީ އެމްޓީސީސީ އާއެވެ. އެކުންފުނިން މި މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ހިސާބުގައެވެ. ނަމަވެސް ވެރިކަން ބަދަލުވި ހިސާބުން މަސައްކަތް މެދުކެނޑުނީ އެވެ.
މާޅޮހު ކައުންސިލް މެންބަރަކު ވިދާޅުވީ، މަސައްކަތް މެދުކެނޑުނު ސަބަބެއްކަމަށް މަސައްކަތް ކުރާ ކުންފުނިން ބުނެފައިވަނީ، ހައިމާކަށް އަޅާނެ ތެޔޮ ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުންކަމަށެވެ. އޭނާ ވިދާޅުވީ ދިމާވެފައިވާ މައްސަލަ ހައްލުކޮށް ވަރަށް އަވަހަށް ބަނދަރުގެ މަސައްކަތް ފަށާނޭކަމުގެ އިޝާރާތެއް އެމްޓީސީސީން ދީފައިވާކަމަށެވެ.
”ދެން މިއަދު އަތުވެއްޖެ ބޯޓު ޑީސަލް ހިފައިގެން. މި ބަލަނީ މާދަމާ އަލުން އެ މަސައްކަތް ފެށޭނެ ކަމަށް.“ މާޅޮހު ކައުންސިލު މެމްބަރު ވިދާޅުވިއެވެ.
މާޅޮހު ބަނދަރަކީ މިހާރުގެ ހާލަތަށް ބަލާއިރު، ބ.އަތޮޅުގެ ރަށްރަށުގެ ތެރެއިން ލަފާފުރުމުގެ ދަތިކަން އެންމެ ބޮޑު އަދި ހާލަތު އެންމެ ދަށް ބަނދަރެވެ.
މީގެ 24 އަހަރުކުރިން ހަދާފައިވާ މި ބަނދަރު މަރާމާތަށް ބޭނުންވާކަމަށް ސަރުކާރުގައި އެދެމުން އަންނަތާ 12 ވަރަކަށް އަހަރު ވެދާނެ ކަމަށް އެރަށު ކައުންސިލު މެމްބަރު ވިދާޅުވިއެވެ.
އެ ބަނދަރު ހަލާކުވީ، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުންނެވެ.