ބ. ދޮންފަނުގައި އަލަށް އިންތިހާބުކުރި ރަށު ކައުންސިލްގައި ރައީސަކު ހޮވަން ނެގި ވޯޓް 10 ފަހަރުވެސް ހަމަހަމަވެގެން ކައުންސިލް ހުއްޓުމަކަށް އަތުވެއްޖެއެވެ.
ރޭ ހުވާކުރި އެކައުންސިލްގެ ރައީސަކު ހުވަން ފުރަތަމަ ވޯޓްލީ ރޭ 11:15ގައެވެ. ރައީސަކު ހޮވަން ހުޅުވާލުމުން އަމިއްލަ ގޮތުން ކައުންސިލަށް ހޮވުނު 3 ކައުންސިލަރުންވެސް ބޭނުންވީ ކައުންސިލުގެ ރައީސްކަމެވެ. 3 ކައުންސިލަރުންގެ މެދުގައި ވޯޓްލައިގެން 10 ފަހަރުވެސް ކޮންމެ ކައުންސިލަރަކަށް ލިބުނީ 1 ވޯޓްކަމަށް ދޮންފަނު ކައުންސިލްގެ ޒިންމާދާރުވެރިޔާ ވިދާޅުވެއެވެ.
” ރޭވެސް 5 ފަހަރު ވޯޓްލައިގެން ހަމަ އެއްނަތީޖާއެއް މި އަންނަނީ. ދެން ހެނދުނު މަޝްވަރާކޮށްގެން އަނެއްކާވެސް ވޯޓަށް ހުޅުވާލައިގެން ހަމަ އެއްނަތީޖާއެއް މިއަންނަނީ. މިހާރު އެލްޖީއޭގެ ލަފައަކަށް އެދިގެން މިއުޅެނީ” ޒިންމާދާރުވެރިޔާ ސާލިމް ވިދާޅުވިއެވެ.
ސާލިމް ވިދާޅުވީ ރައީސްގެ އިތުރުން ނައިބްރައީސްވެސް އިންތިހާބު ނުކުރެވިވާ ކަމަށެވެ.
“އެއްވެސް ބޭފުޅަކު ފިކުރު ބަދަލު ކުރާ ހިޔާލެއް ނެތް. ތިން ބޭފުޅުންވެސް ކުރިމަތިލާފަ ތިން ބޭފުޅުންވެސް ތިންބޭފުޅުންނަށް ވޯޓް ދެނީ. އެހެންވީމަ ކުރިއަށް ނުގޮސްގެން އެލްޖީގެ ލަފައަކާއެކު، މިހާރު މިވަގުތަށް މިއޮތީ ޖަލްސާ މެދު ކަނޑާލާފައި” ސާލިމް ވިދާޅުވިއެވެ