އަދީބާއި ޒިޔަތު މިނިވަން ކޮށްފި

large_169986879746o6xl.jpg

އަދީބާއި ޒިޔަތު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވާކަން ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ، އަބްދުﷲ ޒިޔަތަށް މާފު ދެއްވައި މިނިވަން ކޮށްފިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ދިގު މުއްދަތަކަށް ހުކުމް ކޮށްފައިވާ އަދީބު އާއި ޒިޔަތަށް ރައީސް މާފު ދެއްވައި މިނިވަން ކުރެއްވީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ތެރެއިންނެވެ.

އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށްދެއްވުމުން ދެބޭފުޅުން ވެސް މިނިވަން ވެފައިވާކަން ކަރެކްޝަންސް ސާވިސްގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު ނިމެން ތިން ދުވަހަށް ވެފައިވަނިކޮށް ، އެ ދެބޭފުޅުންނަށް މާފު ދެއްވީ ކޮން ސަބަބަކާއި ހުރެތޯ ސުވާލު ކުރެއްވުމަށް ރައީސް އޮފީހަށް ގުޅުއްވުމުން، ތަރުޖަމާނު، މުހައްމަދު މިއުވާން ފޯނަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރި ދައުވާތަކަށް އަދީބާއި ޒިޔަތު ވަނީ ދައުލަތާއެކު ހެދި އެއްބާރުލުން ދިނުމުގެ އެއްބަސްވުމާއި އެއްގޮތަށް އިއުތިރާފުވެވަޑައިގެންފައެވެ. އޭގެ ފަހުން ކުރީގެ ރައީސް، އަބްދުﷲ ޔާމީންއާއި ދެކޮޅަށް އެ ދެބޭފުޅުން ވެސް ވަނީ ހެކި ބަސް ދެއްވާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެކަމަކު، އެ ހުކުމް އިއްވިއިރު ވެސް ދައުލަތާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމާ އެކު ބަލި ހާލާތު ހުރި ގޮތުން ކަމަށް ބުނެ އަދީބު ހުންނެވީ ގޭ ބަންދުގައެވެ.

މި ޚިޔާނާތް ސާބިތުވެ ޒިޔަތުގެ މައްޗަށް ވަނީ ޖުމުލަ 31 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ވިއްކެވި އެއް ވާހަކައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދައި ދެއްވާނެ ކަމެވެ. ނަމަވެސް އެކަން ނުވިއިރު ދައުރު މި ނިންމާލީ ޚިޔާނާތުގެ މުގުލުގައި ތިއްބެވި ދެ ބޭފުޅުންނަށް މައާފު ދެއްވައި އެހުތުރު ނަމާއެކުގައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top