ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް ފަނޑިޔާރަކު އައްޔަން އައްޔަންކުރަން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާނުކޮށްފިއެވެ.
ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އައްޔަން ކޮށްފައިވަނީ، މަރްޔަމް ރަސާ ރާފިޢުއެވެ. އޭނާއަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރިޢާ އެންޑް ލޯ އަދި މާސްޓާ އޮފް ލޯސް ހާސިލްކުރައްވާފައިވާ އަދި، ގާނޫނީ ދާއިރާގައި ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ކަނބަލެކެވެ.
ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓާއި އެކު ހަ މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަންކުރަން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާނު ކުރިއެވެ.
ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ”އިން ލަފާއަރުވައިފައިވާ ފަނޑިޔާރުންގެ ތެރެއިން ބޭފުޅުން އައްޔަންކުރުމަށް މިދިޔަ ހަފުތާގެ ބުދަ ދުވަހު އެ ކޮމިޝަންގެ ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށެވެ.