ސްޕޭސް އެކްސްގެ ސްޓާލިންކްއިން ފޯރުކޮށްދޭ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ލިބޭ ގައުމުތަކުގެ ޗާޓުގައި ރާއްޖެ ހިމަނައި، ބާރު ސްޕީޑްގެ ބްރޯޑްބޭންޑްގެ ޚިދުމަތުގެ ފުރުސަތު އާންމުކޮށް ރާއްޖެއަށް ހުޅުވާލައިފިއެވެ.
މިކަމާއި ގުޅިގެން ސްޓާލިންކުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މިހާރު އެކުންފުނިން ދެމުން އަންނަ އިންޓަނެޓްގެ ޚިދުމަތް ލިބޭނޭ ކަމަށެވެ.
200 އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބޭ މި ހިދުމަތަށް ދައްކަން ޖެހޭނީ މަހަކު 1،000 ރުފިޔާ ކަމަށެވެ.
ސްޓާލިންކް އިންޓަނެޓް ޚިދުމަތް ލިބިގަތުމަށް ބޭނުންވާ ހާޑްވެއާ ޕެކޭޖުގައި ހިމެނެނީ ޑިޝް އެންޓަނާއަކާއި މައުންޓެއްގެ އިތުރުން ވައިފައި ރައުޓަރު ޔުނިޓެކެވެ. ޝިޕިންގ ފީއާއެކު 10300 ރުފިޔާއަށް ލިބޭ އެތަކެތި ޕްރީ އޯޑާކުރާ ފަރާތްތަކަށް ދެ ހަފްތާގެ ތެރޭގައި ލިބޭނެ ކަމަށް ސްޓާލިންކުން މައުލޫމާތު ދެއެވެ.
މި ޚިދުމަތް ރާއްޖޭގައި ފެށުމާ ގުޅިގެން ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމަކަށް ސްޓާލިންކުން ފޯރުކޮށްދެނީ ތަފާތު ހިދުމަތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސެޓެލައިޓު ޓެކްނޮލޮޖީއަށް އިތުރަށް ބަރޯސާ ވާން ޖެހޭނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ސްޕޭސް އެކްސް ކުންފުނީގެ ސްޓާލިންކް ޚިދުމަތް ރާއްޖެއަށް ދިނުމަށް އުފެއްދި ކުންފުނި “ސްޓާލިންކް ސަވިސަސް މޯލްޑިވްސް”އަށް ދިވެހި ސަރުކާރުން އައިއެސްޕީ ލައިންސަންސް ދޫކުރީ މިއަހަރުގެ އޮގަސްޓް މަހު 24 ވަނަދުވަހުއެވެ. ސްޓާލިންކްގެ އިންޓަނެޓް ޚިދުމަތަކީ މިހާރުވެސް ދުނިޔޭގެ 60އަށް ވުރެ ގިނަ ގައުމުގައި ކާމިޔާބު ކަމާއެކު ދެމުން އަންނަ ޚިދުމަތެކެވެ.