ރީތި ބަހުން ވާހަކަ ދެއްކުމަށް ޚުތުބާގައި ގޮވާލައިފި

DSCN2884.jpg

އޭދަފުށީ މަސްޖިދު މުއީނުން ދީން

އެކަކު އަނެކަކާ މުޚާތަބު ކުރާއިރު، އެކުވެރިކަން ދެމެހެއްޓޭ ގޮތަށް ރިވެތި ބަހުރުވައިން ވާހަކަ ދެއްކުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެެވެ.

”މުއާމަލާތް ކުރުމުގެ އަޚްލާގު“ މި މައުޟޫއަށް މިއަދު ދިން ހުކުރު ޚުތުބާގައި ބުނީ މުޅި އިސްލާމް ދީން ބިނާވެފައި ވަނީ މުއާމަލާތުގެ ރިވެތިކަމުގެ މައްޗަށް ކަމަށެވެ.

ދޭދޭ އަފުރާދުންގެ މެދުގައި ކުރެވޭ މުއާމަލާތުގައި ހިމެނެނީ ހަމައެކަނި ސީދާސީދާ ކުރެވޭ މުއާމަލާތް ނޫންކަމަށާއި ނުސީދާކޮށް އެކިއެކި މީޑިއާތަކުގައި ފަތުރާ ވާހަކަތައް ވެސް ހިމެނޭނީ މުއާމަލާތުގެ ތެރޭގައި ކަމަށް އަދި، ހޮޅުއަށިތަކާއި މައިޒާންތަކުގައި ދައްކާ ވާހަކައަކީ ވެސް މުއާމަލާތް ކަމުގައި ޚުތުބާގައި ބުންޏެވެ.

އެހެންކަމުން އެ ހުރިހާ ވާހަކަތަކާއި، މުއާމަލާތެއް ވެސް ވާން ޖެހޭނީ، އިސްލާމީ ޝަރީއަތް ހުއްދަކުރާ މިންގަނޑަށް ފެތޭ އެއްޗަކަށް ކަމަށް ޚުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، ތަޅައި ފޮޅުމާއި، އަރާރުންވުމާއި، އެކަކު އަނެކަކަށް ފުރަގަސްދިނުން އިސްލާމް ދީނުގައި މަނާކުރައްވާފައި ވާކަމަށެވެ. އަދި އެއްވެސް ގައުމަކަށް ކުރިއަށް ދެވޭނީ އެ ގައުމެއްގެ ރައްޔިތުން އެކަތިގަނޑަކަށް ވެގެން ކަމަށާއި ތަރައްގީ އާއި ތަހުޒީބުގެ މައިދާނުގައި ކުރި ހޯދޭނީ، ރައްޔިތުންގެ މެދުގައިވާ ގުޅުންތައް ހަރުދަނާ ކޮށްގެން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

މުސްލިމުންނަކީ ހިތްތިރި މުއާމަލާތް ކުރުން ރިވެތި މީސްތަކުންނަށް އެ މީހުންގެ ކަންތައްތައް ލުއިކޮށްދޭ ސާދާ ބައެއް ކަމަށެވެ. ހަމަ އެހެންމެ މުސްލިމުންނަކީ މީސްތަކުންނާއި ގުޅިގެން އުޅޭ ބައެއް ކަމަށެވެ. އަދި އޭގެ އިތުރުން މީސްތަކުން ދެކެ ލޯބިވާ އަދި މީސްތަކުން އެބަޔަކު ދެކެ ލޯބިވާ ބައެއް ކަމަށާއި އެ ސިފަތަކުގެ ވެރި މުއުމިނުންނަށް ނަރަކަ މާތް ﷲ ނަރަކަ ހަރާމް ކުރައްވާނެ ކަމަށެވެ.

އަދި ބަސްމަގަކީ ވާހަކަ ދެއްކުމުގެ ތެރެއިން ދަސްވާ އެއްޗެއް ކަމަށާއި އެގޮތުން، އާއިލާގެ ތެރޭގައި ރިވެތި ބަހުން ވާހަކަ ދައްކާނަމަ ދަރިން ރިވެތި ބަހުން ވާހަކަ ދައްކާނެކަމަށާއި ހުތުރު ބަހުން ވާހަކަ ދައްކާ ނަމަ، ދަރިންނަށް ދަސްވާނީ އެބަހުރުވަ ކަމަށް ޚުތުބާގައި ބުންޏެވެ.

މީސްތަކުންނާއެކު ސުލްހަވެރި އަމާން ދިރިއުޅުމެއް އުޅެން ބޭނުންވާ މީހާ މީސްތަކުންނަށް ހެޔޮ ފޯރުވާން ޖެހޭނެ ކަމަށާއި އެ މީހުންގެ ފުށުން ފެންނަ އިހުމާލުތަކަށް ކެތްތެރިވާން ޖެހޭނެ ކަމަށް ވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top