ރިޝްވަތަކީ ހަދިޔާއެއް ނޫން, އެއީ ޒަހަރެއް: ޚުތުބާ

DSCN2884.jpg

އޭދަފުށީ މަސްޖިދު މުއީނުން ދީން

ރިޝްވަތުގައި މެދުވެރިއަކަށްވާ މީހާއާއި ރިޝްވަތު ހިފާ މީހާއަށް ﷲ ލައުނަތް ލައްވާފައިވާކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފި އެވެ.

ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ނުބައިކަމާބެހޭ ގޮތުން ޚާއްސަ ކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ރިޝްވަތުގެ ކަންކަން އާންމުވެއްޖެ މުޖުމަތަމައެއްގައި ހަމަޖެހުމާއި އަމާންކަން ގެއްލި، ރުޅިވެރިކަމާއި އަދާވާތްތެރިކަމުގެ ޝިކާރަކަށް އެ މުޖުތަމައު ވާނެކަމަށެވެ.

ރިޝްވަތަކީ މުޖުމަތައުގައި ފަސާދަ އުފެއްދުމަށް މެދުވެރިވާ ވަސީލަތެއް ކަމަށާއި އެއީ ރިޝްވަތު ހަރާމް ކުރެއްވި އެއް ސަބަބު ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

ރިޝްވަތާއި ނާޖާއިޒު ފައިދާ އާއި ހިޔާނާތުގެ އަމަލުތައް މި ކުޑަކުޑަ މުޖުތަމައުގައި ގިނަވެ އެކަމަކީ ވަރަށް އާދައިގެ ކަމެއް ކަމަށް މުޖުތަމައުގެ ބައެއް މީހުން ވަނީ ދެކެން ފަށާފައި ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުންނަ އިދާރާތަކުގައި ވެސް ރިޝްވަތާއި ރިޝްވަތުގެ އަމަލުތައް އިތުރުވެފައިވުމަކީ ގައުމާއި މުޖްތަމައު ހަލާތުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވާ ކަމެއް ކަމަށެވެ.

އަދި އެއީ ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސްއެޅޭ ކަމެއް ކަމަށާއި ރިޝްވަތަކީ އީމާންކަމުގެ ނޫރު ނިއްވާލާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

ރިޝްވަތު ނަގާ މީހުނަށް އާޚިރަތުގައި ލިބޭ އަޒާބުގެ އިތުރުން އެ މީހުންނަކީ ދުނިޔޭގައިވެސް މީހުންގެ ލައުނަތާއި، ނުރުހުމާއި މަލާމާތް ލިބެމުންދާ ބައެއްކަން ހަނދާންކޮށްދެމުން ޚުތުބާގައި ވަނީ ރިޝްވަތު ނެގުންފަދަ ނުބައި އާދަތަކާ ގާތް ނުވުމަށް ގޮވާލައްވާފައެވެ.

ރިޝްވަތުގައި މެދުވެރިއަކަށް ވާ މީހާ އާއި ރިޝްވަތު ހިފާ މީހާއަށް ﷲ ލައުނަތް ލައްވާފައިވާކަން ހަނދާންކޮށްދެމުން ޚުޠުބާގައި ބުނީ ރިޝްވަތަކީ، ތިމާއަށް ހައްގު ނޫން ކަމެއް ނުވަތަ ހައްގު ނޫން އެއްޗެއް ނުވަތަ ހައްގު ނޫން މަންފާއެއް ލިބިގަތުމަށް، ނުވަތަ ތިމާ ކަމަކުން ބަރީއަވެ، ސަލާމަތް ވުމަށް ފައިސާ ނުވަތަ އެނޫންވެސް އެއްޗެއް، މީހަކަށް ނުވަތަ ބަޔަކަށް ހޯދައި ދިނުން ކަމަށެވެ.

ހަމަ އެހެންމެ ރިޝްވަތަށް މަގުފަހިވާ ވަރަށް ގިނަ ސަބަބުތައް އިލްމުވެރިން ބަޔާންކުރައްވާފައި ވާކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

މިގޮތުން، އެކަމުގައި ބައިވެރިވާ މީހުންގެ އީމާންތެރިކަން ނެތުމާއި، ރިޒުގު ދެއްވަނީ ﷲކަން ގަބޫލު ނުކުރެވުން ހިމެނެއެވެ.

މީގެ އިތުރުން ތިމާއަށް ލިބޭ މިންވަރަށް ޝުކުރުވެރި ނުވުމާއި، ތިމާއަށްވުރެ ތަނަވަސް މީހުން އުޅޭ ގޮތަށް އުޅޭ ހިތްވުމާއި މިންވަރަށް އީމާން ނުވެވުމާއި މާ އަވަހަށް މުއްސަނދި ވާން ބޭނުންވުން މި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top