ދަރިފުޅު މަރާލިކަން ސާބިތުވެ އާފިޔާ 20 އަހަރަށް ޖަލަށް !

Untitled-3.png

ވ.ރަކީދޫގައި އުމުރުން ތިން އަހަރު މުޙައްމަދު އިބްތިހާލް މަރާލިކަން އޭނާގެ މަންމަ އާފިޔާ މުޙައްމަދު މަނިކުގެ މައްޗަށް ސާބިތުވެ 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

މި ހުކުމާއެކު ކައްފާރައިގެ ގޮތުގައި ހިޖްރީ ކަލަންޑަރުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް އާފިޔާގެ މައްޗަށް ހުކުމް ކޮށްފައިވެއެވެ.

އާފިޔާގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ ގަސްދުގައި ކުއްޖަކު މެރުމާއި، އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާއެކެވެ. މި ދެ ދައުވާއަށް އާފިޔާ އިއުތިރާފްވެ ކަން ހިނގި ގޮތް ޝަރީއަތުގެ މަޖިލިހުގައި ކިޔައިދިން ނަމަވެސް ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ކުށަށް އިންކާރު ކޮށްފައެވެ.

ނަމަވެސް މިއަދުގެ ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އާފިޔާގެ ޑޮކްޓަރުންގެ ރިޕޯޓާއި، ސިއްހީ އެހެން ލިޔެކިއުންތަކަށް ރިއާޔަތްކޮށް ބެލުމުން އާފިޔާ މީގެ ކުރިން ކުށަށް އިއުތިރާފް ވެފައި ވަނީ ބުއްދި ސަލާމަތުން ހުރެ ކަން އެނގެން އޮތް ކަމަށާއި ކުށަށް އިއުތިރާފްވީ މަޖުބޫރު ކޮށްގެންކަން އެނގޭނެ އެއްވެސް ކަމެއް ހުށަހެޅިފައި ނެތުމުން މަޖުބޫރު ކަމެއް އޮތް ކަމަކަށް ބެލެވެން ނެތް ކަމަށެވެ.

އިބްތިހާލު މަރުވެފައިވަނީ އެ ދުވަހު އާފިޔާ ދިންކަމަށް އިއުތިރާފުވެފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށް ޑޮކްޓަރުންގެ ރިޕޯޓުތަކަށް އެނގެން އޮތް އިރު، އަދި ހަމަބުއްދި ފިލައިގެންދާ ފަދަ ނަފްސާނީ މައްސަލައެއް ނެތް ކަމަށް ކަނޑައަޅާފައިވާއިރު، ޝަރުއީ ހަމަތަކުންބަލާއިރު، ޝަރީއަތުގެ މަޖިލީހުގައިވެސް އާފިޔާވެފައިވާ އިއުތިރާފުތަކަކީ ރުޖޫއަ ވެވިދާނެ އިއުތިރާފުތަކެއް ނޫން ކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ.

އާފިޔާއަށް ޅަ އުމުރުން ފެށިގެން އޭނާގެ މަންމަ އާއި ދޮންބައްޕަގެ އިތުރުން އިތުބާރުހިފޭ އާއިލާގެ އެކި މެންބަރުންގެ ކިބައިން ޖިންސީ ގޯނާ ކުރުމާއި ގަދަކަމުން ބަދު އަހުލާގީ އަމަލުތައް ހިންގުވައި ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިގެން އިންސާފު ލިބިފައި ނުވާ ކަން ވެސް ޝަރީއަތުގައި ފާހަގަކޮށްފައިވެ އެވެ.

އަނިޔާ ލިބުނު ފަރާތުގެ އާއިލީ ވާރިސެއް ނެތުމުން، ގިސާސް ހިފުމަށް ހުރި ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާތީ ގިސާސް ހިފެން ނެތްކަމަށް މިއަދުގެ ޝަރީއަތުގައި ވަނީ ކަނޑައަޅާފައެވެ.

އިބްތިހާލް މަރާލާފައި އޮއްވާ ފެނުނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top