ރަށު ކައުންސިލުން އޭދަފުށިން ގަސްކެނޑުން. މާފުނުކުރެވޭނެ ކުށެއް.

10156157_794004867305219_6776979663569725391_n.jpg

އޭދަފުށި

އޭދަފުށްޓަކީ ގަހުގެ ގޮތުން ބަލާއިރު އެންމެ ފަގީރު ރަށްތަކުގެ ތެރޭގައި ހިމެނޭނެ އެއް ރަށެވެ. ކިތަންމެ ހޫނު ގަދަވެފައި ސަހަރާއެއްގެ ގޮތަށް ސިފަކުރެވުނަސް ރަށުގައި ގަސް އިންދައި ހެއްދުމަށް އިސްނަގަންޖެހޭ ވެރިކަމުގެ ފަރާތުންނާއި ރަށުގައި ރަޖިސްޓްރީ ވެފައި އޮތް އަށް ޖަމިއްޔާއިންވެސް އެކަމަށް އެދެވޭ މަސައްކަތެއް މީން ޒަމާނަކުވެސް ކުރެވިފައި ނުވާތީއެވެ. އެންމެ އަޖާއިބުވާކަމަކީ ރަށް ހޫނުގަދަ ވާހަކަ ދައްކާއިރު އެކަމުގެ ކިރިޔާވެސް ހައްލަކީ ގަސްހެއްދުންކަމަށްވާއިރު ރަށް ފެހިކުރުމާ ބެހޭގޮތުން މިއިން އެއްވެސް ބަޔަކު ވާހަކަ ނުދައްކާތީއެވެ. ކޮންމެ ބަޔަކުވެސް ގައިކޮޅު ގައިދުރު ކިޔާފައި ތިބެނީއެވެ

1980ގެ އަހަރު ތަކުގެ ކުރީކޮޅުގައި މަރްހޫމް ނައިބުގޭ ހަލީމުގެ އަތޮޅުވެރިކަމުގައި މި ރަށުގައި ރުއްގަސް އިންދުމުގެ ހަރަކާތެއް ހިންގިއެވެ.  މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ވެސް ހިންގިއެވެ. އެގޮތުން ރަށުގެ ބޮޑެތި މަގުތަކުގައި ގަސްއިންދައި އަތިރިމަތީގައިވެސް ރުއްގަސްް އިންދިއެވެ. އެރުއްތަކާއި ގަސް ތަކުގެ ތެރެއިން ވެސް ބޮޑު އަދަދެއް ކަނޑާފައިވުމުން ބާކީ ހުރި ގަސްކޮޅު އޭދަފުށީގެ ހާއަޅާފައިވާ މަލަމަތިން މިހާރުވެސް ފެންނަން އެހެރީއެވެ. އެދުވަސްވަރު ރަށުގެ ބޮޑެތި މަގުތަކުގައި ހިޔާދޭ ބޮޑެތި ގަސްތަކެއް އިންދައި ރަށް ފެހި ކުރުމަށް ވެރިކަމުގެ ފަރާތުން މަސައްކަތްތަކެއް ކުރިއެވެ. އެކަމުގެ ނަތީޖާވެސް ފެނުނެވެ. އެހެންނަމަވެސް އޭރުވެސް ބައެއް ގޭގެ ކުނި ކަހަންޖެހޭ ސަރަހައްދުގައި އިންދާފައި ހުރިގަސްތައް ރޯވަން ފަށާއިރަށް އުފުރާލައެވެ. އެސަރަހައްދަށް ފަތްއެޅި ކުނިކަހަން އުދަނގޫވާތީއޭ ކިޔާފައެވެ.

ފަހުގެ ތާރީޚަށް ބަލާއިރު ރަށުގެ ގަބުރުސްތާނާއި އުތުރުފަރާތުގެ އަތިރިމަތީގައި އަދި އަތޮޅު ހޮސްޕިޓަލް ވަށައިގެންވާ ސަރަހައްދުގައި އެހެރަ ގިނަގަސްތަކަކީ އޭދަފުށީި ސިއްދަތުރަ އަހްމަދު ނާސިރުގެ ޚިދުމަތެކެވެ. އޭނާ އެކަން ކުރަމުން ގެންދިޔައީ އެތައް ބައެއްގެ ހުރަސްތަކާ އެކުގައެވެ. ބައެއް ގަސްގަހަށް ކަރާސީނު އަޅާ މަރާލާފައި ވެއެވެ. ގަސްތަކަށް ފެންދިނުމަށް ފެންފޮދެއް ދިނުމަށްވެސް އެގަސްތަކުގެ ހިޔާ ލިބޭ ގެތަކުން ދެކޮޅު ހެދިއެވެ. އެކަމަކު މި ބޮޑެތި ހުރަސްތަކާ އެކު ވެސް އޭނާ އެގަސްތައް ހެއްދުމަށް ބޮޑެތި މަސައްކަތެއްކުރީ ރަށަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމުގައި އޭނާ ބުނެއެވެ. މިމަސައްކަތަށް ހިތްވަރުދިން ބައެއް މީހުންގެ ހިތްވަރާއެކުގައިވެސް މެއެވެ. މިނޫނަސް ރަށުގެ ބޮޑެތި މައިދާން ތަކުގައާއި ހުސް ބިން ތަކުގައި ގަސް ހެއްދުމަށް ނާސިރު މަސައްކަތް ކުރިއެވެ. އެތަންތަނުގައި ގަސްއިންދައި ރޯކުރެވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެގަސްތައް ހެދިޔަ ނުދޭންވެގެން ކޮންމެވެސް ބަޔަކު ކުރިމަސައްކަތް ކާމިޔާބު ވުމުގެ ނަތީޖާއަކީ ރަށް އިތުރަށް ހޫނު ވެގެން ދިއުމެވެ.

މިއަދުގެ ހަގީގަތަކީ އޭރު އިންދާފައި ހުރި ގަސްތައް ކަނޑާތިރިިކުރުމެވެ. ބަހިއްޔާ ޕްރީސްކޫލްކައިރީގައި ހުރި ހިޔާބޮޑު ގަހެއް ކަނޑާލީ ދާދި އިހަކަށް ދުވަހު ގަސްގަހާގެހި ހިމާޔަތްކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ރަށު ކައުންސިލްގެ ފަރާތުންނެވެ. އެކަމަށް އެތައް ބަޔަކު ނުރުހުންވެ ފާޑު ކިޔަން ފެށުމުން ކައުންސިލުގެ ނައިބު ރައީސް ނައުރީފް ދިން ޖަވާބު އެނނގޭ ހެއްޔެވެ؟ “އެގަސް ކަނޑާލީ ގަހުގައި ހުވަނި އަޅައިގެންނެވެ.”

ނައުރީފް އެހެން ބުނިއިރު އެގަހަކީ އޭދަފުށި މީހުންގެ އިތުރުން ގައުމީބޭންކަށް ޚިދުމަތް ހޯދަން ކޮންމެ ދުވަހަކު ރަށުން ބޭރުން އަންނަ މީހުން ހިޔާވަހިކަމާ ފިނިކަން ހޯދާ ތަނެއްކަން އެނގެންވާނެއެވެ.

ސުވާލަކީ ހުވަނި އެޅުމުން ގަސްޖެހޭނީ ކަނޑާލަން ހެއްޔެވެ؟ އެނޫންގޮތެއް ނޯންނާނެހެއްޔެވެ؟ ހުވަނި ބޭހަކީ ލިބެން ހުންނަ އެއްޗެއްކަން ނޭގެނީ ބާއެވެ؟ ރައްޔިތުންގެ މިލްކިއްޔާތުގައިވާ މިގަސް ކަނޑާލީ ރައްޔިތުންގެ ހުއްދައާއެކުގައިބާއެވެ.؟ ހައްތާވެސް ސުވާލެވެ.

ނައުރީފުގެ މި ގޮތެއްނެތް އަމަލު ކުށްވެރިކުރަމެވެ. މި ރަށުގެ ގަސްގަހާގެއްސާ ރަށުގެ ގުދުރަތީ ވަސީލަތްތަކާ ރަށުގައި އުފެދިފައި ހުރި އެއްޗިއްސާއި އުފައްދާފައިހުރި އެއްޗިއްސަކީ ރައްޔިތުންގެ މިލްކެކެވެ. އެއީ ރައްޔިތުންގެ ހައްގެކެވެ. ރައްޔިތުންގެ ތަކެއްޗެވެ. އެތަކެތި ބެލެހެއްޓުމާއި މަތިކޮށްފައިވާ ރައްޔިތުންގެ ވޯޓުން ހޮވާފައިވާ ކައުންސިލަރުންގެ ވާޖިބަކީ އެ މިލްކިއްޔާތު އަމާނާތްތެރިކަމާއެކު ބެލެހެއްޓުމެވެ.  ގަހެއް ހެދި ބިޔަވުމަށް ތިރީސް ސާޅިސް އަހަރު ނަގާއިރު މިފަދަ ބޮޑެތި ގަސްތައް ރައްޔިތުންގެ ބަހެއް ނުހޯދާ ކެނޑުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. ރައްޔިތުން އެމީހުންނާ ބެލެހެއްޓުމާ ހަވާލުކޮށްފައިވާ އަމާނާތަށް ޚިޔާނާތްތެރި ވެވުނީއެވެ

2014ވަނަ އަހަރު އޭދަފުށީގެ ބިން ހިއްކަމުން ދިޔައިރު ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި ހައްދާފައިހުރި ބޮޑެތި ދިއްގާގަސްތަކަކާއި ހިރުނދުގަސްތަކެއްވެސް ހަމަ މިގޮތަށް ކަނޑާ ތިރިކުރީވެސް ރަށުކައުންސިލް ގެ އަމުރަށް އެގަސްތަކުގައި ކޫޑި އަޅާތީއެ ކިޔާފައެވެ.

މީގެ ތިން މަހެއްހާދުވަސް ކުރިން ރަށުގެ އުތުރު ހުޅަގުކޮޅުގައި ހެދިފައިހުރި ގަސްތަކެއްވެސް ގަބޫލު ނުކުރެވޭ ސަބަބެއް ދައްކާފައި ވަނީ ނަގާފައެވެ. ނަސީބަކުން އެގަސްތައް ކުދިކުދިކޮށްލާފައި އުކައެއްނުލައެވެ. އެގަސްތައް ދެން ބަދަލުކޮށްލީ ހަމަ އެދިމާ ހޭޅިއަށެވެ. އެހެންނަމަވެސް ބިޔަ ގަސްތަކެއް ހޭޅިފަށުގައި ހުންނަ ލޮނުވެލީގައި ރޯ ނުވާނެކަމާ ގަހަކީވެސް އިންސާނުން ފަދައިން ކާނާއާ ފެން ބޭނުންވާނެ އެއްޗެއްކަން ކައުންސިލަށް އެނގެންޖެހޭނެއެވެ. އެހެންކަމަށްވާނަމަ އެންމެ ކުޑަމިނުން އެގަސްތައް ރޯވަންދެން ފެންފޮދެއްހާހިސާބު ދެވެންޖެހޭނެއެވެ. އެދުވަހު ކައުންސިލަރ ރިޒާގާތު މިގަސްތައް އެހެން ތަނަކަށް ބަދަލު ކުރާއިރު ރޯވަންދެން ފެންދޭންވާނެ ނޫންހޭ ބުނުމުން ދިނީ ވަރަށް އުފާވެރި ޖަވާބެކެވެ. ރިޒާ އެދުވަހު ވިދާޅުވީ އަތިރިމަތިވީމާ ގޭގެއިން ފެންގެނެސްގެން ފެން ދިނުމަކީ އުނދަގޫ ކަމަކަށް ވާނެތީވެ މިއުޅެނީ އެތާ ކައިރިއަށް ފެން އިސްކުރެއްލައިގެން ފެންދެވޭނެ ގޮތެއް ހަދާށެވެ. އޭރުން ހުންނާނީ އަބަދުވެސް ބޭނުންއިރަކު ފެންދެވޭ ގޮތަށެވެ. ރިޒާގެ ޝައުގު ކުރުވަނިވި ވާހަކަ ކޮޅަށް ސާބަހޭ ބުނެވުނެވެ.

އެކަމަކު އާޚިރުގައި އެވާހަކަވެސް ވީ ކައުންސިލަރުންގެ މިބާވަތުގެ ދޮގުތަކުގެ ތެރެއަށް އިތުރުވީ ބޮޅަކަށެވެ. އަވި ބާރު މޫސުމަކު އެގަސްތައް ނަގާފައި ހޭޅިއަށް ބަދަލުކުރިގޮތަށް އެއްވެސް ވަރަކަށް އަޅާނުލެވި ދިއުމުން މަރުވެގެން ދިޔައީއެވެ.

އަދި އެހެން ކަމެކެވެ. ރަސްމީ ފުޓްބޯޅަދަނޑުގެ އިން ފާރުތެރޭގައި ދާދި މިދާކަށް ދުވަހާ ހަމައަށް ހުރި ބޮޑު ހިތިގަހެއް މިހާރު އެތަނަކު ނެތެވެ. ހަމަގައިމުވެސް އެގަސް ކަނޑާލައިފިއެވެ. އެއީ ކާކު ކުރިކަމެއް ކަމެއް ނޭނގުނަސް ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ގަހެއް ކަނޑާއިރު އެކަން ކައުންސިލަށް އެނގެންޖެހޭނެއެވެ. އެކަމަކު އެގަސްކަނޑާލަންވީ ކީއްވެގެންހެއްޔެވެ.

އެހެންވާހަކައެކެވެ. ރަށުގެ ހިއްކި ސަރަހައްދުގައި ގަސްއިންދަން ވެއްޖެކަމަށް ފެނިގެން ރަށުގެ ކިތަންމެ ބަޔަކު އެކަން ކައުންސިލަރުންގެ ސަމާލުކަމަށް ގެނައެވެ. މިހާރުވެސް އަންނަނީ ގެންނަމުންނެވެ. ކައުންސިލުން ވިދާޅުވަނީ އެތަން ބޭނުންކުރާ ގޮތުގެ ޕްލޭނެއް ހެދިފައި ނެތުމުން އެކަން ކުރެވެން ނެތްކަމުގައެވެ. އެ ބަހުސަކަށް ދާކަށް ނެތީމެވެ. އެކަމަކު އެތަނުގައި ގަސްއިންދަންޖެހޭކަން ކައުންސިލަށް ވެސް އެނގެންޖެހޭނެއެވެ. އޭގެ މާނައަކީ ހައުސިންގމިނިސްޓްރީއާގުޅައިގެން އެމަގު ފަހި ކުރަން މަސައްކަތް ކުރަން ޖެހޭނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެބިންް ބޭނުންކުރާގޮތުގެ ޕްލޭން މިހާރުވަނީ އޭދަފުށި ކައުންސިލަށް ލިބިފައެވެ. އެހެންނަމަވެސް އަދިވެސް އެސަރަހައްދުގައި ގަސްއިންދަން ނޫޅުމަކީ އަނެއްކާވެސް ކައުންސިލަރުންގެ ޒިންމާއަކީ ކޮބައިތޯއޭ ނުވަތަ  އެމީހުން ކުރަނީ ކޮންކަމެއްތޯ ރައްޔިތުން ކުރާ ސުވާލުތަކަށް އިތުރުކުރެވޭ ސުވާލެކެވެ.

ޕްލޭންކުރެވިފައި އޮތަސް ނެތަސް ހޭޅީގައި ގަސް އިންދުމަކީ ކުރެވިދާނެކަމެކެވެ. އެކަމާ ޕްލޭނަކާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ. ވާގޮތަކީ އެއެއް ނޫނެވެ. އިޚްލާސްތެރިކަން ނެތީއެވެ. ކަމެއްކުރަން ބޭނުން ނުވަނީއެވެ.

މިވާހަކަ ދައްކަމުންދާއިރު މިރަށް ފެހިކޮށް ބޭއްވުމަށްޓަކައި ސޮނޭވާއިން ވަނީ އުތުރުފަރާތު އަތިރިމަތީގައި ހަދާފައި ހުރި ބެޑްތަކުގައިވާ ގަސްތަކަށް ފެންދިނުމަށް އިސްކުރު ބަރިއެއްވެސް ލައިދީފަ ހުރިކަން ހަނދާނަށް ގެންނަން ޖެހެއެވެ. އެ ނިޒާމުގެ ބޭނުންވެސް އަދިވެސް ނުކުރެވި ދިގުލައިގެންދަނީ އެކަމަށް ހިނގާނެ ކަރަންޓްބިލަށް ދައްކަންޖެހޭނެ ވަރަށް ކުޑަކުޑަފައިސާ ކޮޅެއް ދައްކާނެ ފަރާތެއް ނުނިންމިގެންކަމުގައި މައުލޫމާތު ލިބެއެވެ.

މިކަހަލަ ކޮންމެ ވާހަކއަކަށް ކައުންސިލުން ކުރާ ސުވާލެއް އޮވެއެވެ. އަހަރެމެންނަކީ ތިކަހަލަ މަސައްކަތްކުރަން މިތަނަށް އައިސްތިބި ބައެއް ހެއްޔެވެ؟ ޖަވާބުގައި ބުނަން ހެއްޔެވެ؟ އާދޭހެވެ. ތިޔަ ބޭފުޅުންނަކީ ރައްޔިތުންގެ މުދާ ހިމާޔަތްކުރުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރަން ރައްޔިތުންގެ ފައިސާއިން މުސާރަ ދީފައި ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ ޚާދިމުންނެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އޭދަފުށި ފެހި ކުރަން ޖެހިފައިވާކަމެވެ. ގަސްތަކެއް އިންދައިގެން މި ތަނުގައި ދިރިއުޅޭ ބަޔަކަށް ހިޔާވަހިކަން ހޯދާދިނުމަށް ކޮންމެވެސް ބަޔަކު އިސްނަގަން ޖެހިފައިވާ ކަމެވެ. ރަށުގެ ކައުންސިލަށް އިނގިލި ދިއްކުރިކަމުގައިވިޔަސް އެތަނަކީ ރަށަށް ކަމެއްކޮށްދޭން އުޅޭ ބައެއްކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.

އެހެންވީމާ އަމިއްލަ ޖަމިއްޔާތައް މިކަމަށް އިސްނެގުން ކިހިނެއްވާނެ ހެއްޔެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top