ރާއްޖޭގައި ތިބި ސިފައިން އަނބުރާ ގެންދަން އިންޑިއާ އެއްބަސް: ރައީސް

large_1701601644293hgd.png

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިންޑިއާއިން ސިފައިން އަނބުރާ ގެންދަން މިހާރު އެއްބަސްވެފައިވާ ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ސިފައިން ގެންގޮސް އޭގެ ފަހުން ވެސް، ދެ ގައުމުގެ ގުޅުން ރިވެތި ގޮތުގައި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ރިޔާސީ ކެމްޕެއިން ތެރޭގައި ވެސް ހުވާ ކުރެއްވުމަށް ފަހު ވެސް، ބޭރުގެ ސިފައިން ރާއްޖޭގައި ނުތިބޭނެކަން ޔަގީން ކުރައްވާނެކަން ތަކުރާރުކޮށް ވިދާޅުވިކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެންވެ، ރައީސް ހުވާ ކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު، އިންޑިއާ ސިފައިން އަނބުރާ ގެންދަން ސަރުކާރުން ރަސްމީކޮށް އެދުނުކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

“އަދި އޭގެ ކުރިން ކުރެވުނު މަސައްކަތާއި މިއަދާ ހަމައަށް އައިއިރު ކުރެވުނު ހުރިހާ މަސައްކަތެއްގައި އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދާނެ ކަމަށް،” ރައީސް ވިދާޅުވިއެވެ.

އެކަމާ ގުޅުން ހުރި މަސައްކަތްތައް މިހާރު ފަންނީ ލެވެލެއްގައި ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މަތީ ލެވެލްގެ ކޮމިޓީއެއް އެކުލަވާލުމަށް ވެސް މިހާރު އެއްބަސްވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ޓިކެޓް ހޯއްދެވި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި މިދިޔަ ސަރުކާރުގެ ދައުރުގެ ތެރޭގައި”އިންޑިއާ އައުޓް“ގެ ނަމުގައި ހަރަކާތެއް ފެށިއެވެ. އެ ސިފައިން އަނބުރާ ފޮނުވާލުމަކީ މި ސަރުކާރުގެ ވެސް އެންމެ މައިގަނޑު އެއް ރިޔާސީ ވައުދެވެ.

މި ސަރުކާރުން ހާމަކުރި ގޮތުގައި ރާއްޖޭގައި އިންޑިއާގެ 77 ސިފައިން އެބަތިއްބެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top