ކެޔޮދޫގައި ވެލާތައް ފެޅި މީހުންގެ ޖޫރިމަނާ ކުޑަކޮށްފި

large_169407454811CGeS.jpg

ބ. ކެޔޮދޫގައި ފަޅައި ކެއްކި ވެލާތައް-- ފޮޓޯ: ޕޮލިސް

ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފެޅި މައްސަލައިގައި ޖޫރިމަނާ ކުރި ބ.ކެންދޫ ހަތް މީހުންގެ ޖޫރިމަނާގެ އަގު 33،000ރ. (ތިރީސް ތިންހާސް ރުފިޔާ)އަށް ކުޑަކޮށްފިއެވެ.

ކެޔޮދޫގައި ވެލާތަކެއް ފަޅައިގެން އެ ތަކެތި ކައްކަމުންދާ ކަމަށް އާންމު ފަރާތްތަކުން ދިން މައުލޫމާތަކާ ގުޅިގެން ފުލުހުން ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު 16:38 ހާއިރު ކެޔޮދުއަށް ގޮސް އެކަން ބަލައިފައެވެ.

އެކަމާ ގުޅިގެން ފުލުހުން ތައްޔާރުކޮށްފައިވާ ޕޮލިސް ރިޕޯޓުގައި ސީންއަށް ދިޔަ ފުލުހުން ދީފައިވާ ބަޔާންތަކުންނާ ސީންއިން ފެނުނު ހެކިތަކާއި އަދި ސީންގައި ވެލާތަކަށް ގޯނާކުރުމުގައި ބައިވެރިވި ފަރާތްތަކާ ސުވާލުކުރުމުން، އެ ފަރާތްތަކުން އެ ވެލާތައް މަރާލައި ކެއްކުމުގައި ބައިވެރިވެފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަން ބަޔާންކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އެންމެ ފުރަތަމަ އީޕީއޭއިން ވަނީ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން މި ހަތް މީހުންގެ ތެރެއިން ކޮންމެ މީހަކު، 198،000ރ. (އެއްލައްކަ ނުވަދިހަ އަށްހާސް ރުފިޔާ) ދައްކާ ގޮތަށް ޖޫން މަހުގެ 20 ވަނަ ދުވަހު ޖޫރިމަނާ ކޮށްފައެވެ. 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ޖޫރިމަނާ ދައްކާ ގޮތަށެވެ.

ނަމަވެސް ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ދިރޭ އެއްޗަކަށް ގޯނާކޮށްފި ނަމަ 30,000ރ. އާއި 50,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އޮވެއެވެ. އެގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އެޓާނީ ޖެނެރަލްގެ އޮފީލުން ލަފާ ހޯދައި އަލުން މުރާޖައާ ކުރުމަށް ފަހު ކުރިން ޖޫރިމަނާ ކުރި އަދަދު ކުޑަކުރަން ނިންމީއެވެ.

އީޕީއޭގެ ނޫސްބަޔާނުގައިވާ ގޮތުން، އެ މައްސަލާގައި ޖޫރިމަނާކުރީ ކެންދޫ، ދިރިމާގެ، އަލީ އާދަމް އާއި ކެންދޫ، ދިރިމާގެ ހަސަން ޒަރީރު އާއި ކެންދޫ، ދިލާސާގެ، އަބްދުﷲ ޝާހީ އާއި ކެންދޫ، ދިލާސާގެ އަހްމަދު ނާއިޝް އާއި ކެންދޫ، މުސަންމާގެ، ހޫދު ފަހުދު އިދުރީސް އާއި ކެންދޫ، އަމަން، އަންވަރު އަބްދުއްރަހްމާން އަދި އދ. ދިގުރަށް، ނޫރާނީ ވިލާ، ތަސްނީމް އަހުމަދެވެ.

އެގޮތުން ނިންމި ނިންމުމަކީ ޖޫރިމަނާ ކުރި ހަތް މީހުންގެ ތެރެއިން ކޮންމެ މީހަކު 33،000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށެވެ. އީޕީއޭއިން ވަނީ މި ޖޫރިމަނާ އިއްޔެ އިން ފެށިގެން 30 ދުވަހުގެ ތެރޭ ދެއްކުމަށް އަންގައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top