މިމަހުގެ 8 ވަނަ ދުވަހު ހަވީރު 6:00 ގެ ފަހުން ސިޔާސީ ޕާޓީތަކުގެ ޖަގަހަތައް ބަންދު ކުރަން ޖެހޭނެ އިލެކްޝަންސް ކޮމިޝަން (އީސީ)ން ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، އަންނަ ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން، އާދީއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު، ސިޔާސީ ޕާޓީއެއްގެ ނުވަތަ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޖަގަހަ އެއް ހުޅުވާފައި ބެހެއްޓުމަކީ، ހުއްދަ ކަމެއް ނޫންކަން، ރިޔާސީ ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓުންނަށް އީސީން ދަންނަވާފައިވާނެ ކަމަށެވެ،
އަދި މަނާގަޑީގައި ކެމްޕޭން ޖަގަހަ ހުންނަންޖެހޭނީ ބަންދު ކޮށްފައި ކަމަށްވެސް ދަންނަވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ކެމްޕެއިން ކުރުމުގެ ހަރަކާތްތައް ނިމިގެންދާއިރު އުންމީދު ކުރަނީ ހުރިހާ ކަމެއް އަމާންކޮށް ކުރިއަށްދާނެ ކަމަށެވެ.
މި އަހަރު ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވާއިރު، އޭގެ ތެރެއިން ފަސް ކެންޑިޑޭޓުން ވާދަކުރައްވަނީ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންގެ ގޮތުގައެވެ. އަދި ތިން ކެންޑިޑޭޓުން ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައެވެ.