ރައީސް ޔާމީން ހުންނެވީ މުއިއްޒާއެކު: ވަކީލުން

176616.jpg

ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދު އޮތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފި އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބަޔާނެއް ނެރެފައިވަނީ މިވަނީ ރާއްޖޭގެ ނޫހަކުން, ރައީސް ޔާމީން، ޑރ.މުއިއްޒަށް އަމާޒުކޮށް ނުރުހުމުގެ ބަސްތަކެއް ބުނެ، ރައީސް ޔާމީނުގެ ތާއީދު ޑރ.މުއިއްޒަށް ނެތްކަމަށް ދޭހަވާ މޭރުމަކުން ޚަބަރު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

އެބަޔާނުގައި ބުނީ އެޚަބަރުގައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ޚަބަރުގައިވާ ފަދަ އެއްވެސް ވާހަކައެއް ޔާމީން ދައްކަވާފައި ނުވާ ކަމަށެވެ.

މިއީ ޕީޕީއެމް ޕީއެންސީގެ މެންބަރުންނާއި ރައީސް ޔާމީނަށް ތާއީދު ކުރައްވާ އާއްމު ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި، ބައިބައިކޮށް، މި ރިޔާސީ އިންތިޚާބު ޕީޕީއެމް/ ޕީއެންސީ އަށް ކާމިޔާބުވިޔަ ނުދިނުމަށްޓަކައި ކުރާ ވަރަށް ފިނޑި އަމަލުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެފަދަ ފިތުނަ އުފައްދާ ވާހަކަތައް ގަބޫލު ނުކުރުމަށާއި، ހުރިހާ ފަރާތްތަކެއް ވެސް އިތުރު ހިތްވަރެއްލައި، މި ރިޔާސީ އިންތިޚާބު ޕީޕީއެމް/ ޕީއެންސީ ގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ރަނިންގ މޭޓް ހުސައިން މުހައްމަދު ލަތީފަށް ކާމިޔާބުކޮށް ދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާ ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

”މި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ތާއީދު ކުރައްވަނީ ޕީޕީއެމް/ޕީއެންސީ ގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އާއި ރަނިންގ މޭޓް ހުސައިން މުހައްމަދު ލަތީފަށް. ޕީޕީއެމް/ޕީއެންސީ ގެ އެންމެހައި މެންބަރުންނާއި ރައީސް ޔާމީނަށް ތާއީދުކުރައްވާ އެންމެހައި ސަޕޯޓަރުން ވެސް ވޯޓުލުމަށް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ޑރ. މުޙައްމަދު މުއިއްޒުއަށް. މި އިންތިޚާބުގައި ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮއްވަވަން އެމަނިކުފާނު ނުހަނު ބޮޑަށް ބޭނުންފުޅުވާކަމަށް ވިދާޅުވެފައިވޭ“ ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ވެސް ވިދާޅުވެފައިވަނީ ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ރައީސް އަބްދުﷲ ޔާމީންގެ ތާއީދު ނެތްކަމަށް ބުނެ ދައްކަނީ ފިތުނަ އުފައްދަން ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށެވެ.

ރައީސް ޔާމީންގެ ތާއީދު ޑރ. މުއިއްޒުއަށް ނެތް ކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވަނީ، އިއްޔެ ބޭއްވި ރައީސް ޔާމީންގެ ޝަރީއަތުގައި ލިބުނު ހުސްވަގުތު ކޮޅުގައި ކޯޓުގައި ހުންނަވައި މާވަށު ދާއިރާގެ މެންބަރު، މުހައްމަދު ސައީދުއާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގުއާ މުޚާތަބުކުރައްވައި ދެއްކެވި ކަމަށް ބުނާ ވާހަކަތަކެކެވެ.

ރައީސް ޔާމީން ވިދާޅުވި ކަމަށް ރިޕޯޓުކޮށްފައިވަނީ މުއިއްޒުއަކީ މަގުބޫލުކަން ކުޑަ ބޭފުޅެއްގެ ގޮތުގައި ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އަދި ރައީސް ޔާމީން މުއިއްޒުއަށް ވަރަށް ބޮޑަށް ނުރުހުމުގެ ބަސްތައް ރައްދުކުރި ކަމަށް ވެސް އެ ނޫސްތަކުގައި ބުނެފައިވެ އެވެ.

އެ ވާހަކަތަކާ ގުޅިގެން ޅ. ނައިފަރުގައި ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީީންގެ ތާއީދު މުއިއްޒުއަށް ނެތްކަމަށް ބުނެ ފަތުރަމުން ގެންދަނީ ދޮގު ޚަބަރުތަކެއް ކަމަށެވެ.

”ރައީސް ޔާމީނާއި މުއިއްޒުއާ ދެމެދު ފިތުނަ އުފައްދައިގެން އަޅުގަނޑުމެންގެ ހިތުގައި ނުތަނަވަސްކަން އުފައްދަން އުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެން ޕީޕީއެމް/ޕީއެންސީ ބައިބައެއް ނުވާނެ. ވަރަށް ކެރިގެން މި ދަންނަވަނީ ބައިބައެއް ނުވާނެ، އެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،” އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމް ކޯލިޝަން ރޫޅާލަން ބަޔަކު މަސައްކަތް ކުރާތާ ފަސް އަހަރުވެއްޖެ ކަމަށާ ދެންވެސް އެކަން ނުވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top