އަނެއްކާ އާ ތާރީޚެއް. ބ.އަތޮޅަށް އާރްޓީއެލްގެ ޚިދުމަތް ލިބޭނީ އަންނަ ޖުލައިގަ: ރައީސް

1656481266-1073828521.png

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބ. އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވެފައި ވަނިކޮށް އެ މުއްދަތު ފާއިތުވެ އޭގެ ހަތަރު މަސްފަހުން އަނެއްކާ އާ ތާޜީޚެއް ދީފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އުނގޫފާރު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އަދި ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށާނެ ކަމަށެވެ.

ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު މިދިޔަ އަހަރުގެ މޭ މަހު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނޫސްވެރިންނާއިއެކު ބޭއްވެވި ބައްދަލުވުމެއްގައި ވިދާޅުވީ އާރްޓީއެލް ފެރީގެ ހިދުމަތް އަންނަ ޖޫން މަހުގެ ތެރޭގައި ފަށާނެ ކަމަށާއި ރ. އަތޮޅުގައި ފަށާނީ ކުރިއަށް އޮތް އޯގަސްޓް މަހު ކަމަށެވެ. އަދި ސެޕްޓެމްބަރު މަހު ބ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެ ކަމަށް އަމީން ވިދާޅުވިއެވެ.

މިނިސްތރު އަމީން ގެ ޕްލޭންގައި ރ. އަތޮޅަށް ފެރީގެ ޚިދުމަތް ދޭން ނިންމާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. ރައީސްގެ ޕްލޭން ވަނީ ތަފާތު ކޮށްލައްވާފަ އެވެ.

”އަޅުގަނޑު ކަނޑައަޅާފަ އޮންނާނެ މިއަހަރު ނިމުމުގެ ކުރިން މިގޮތަށް ޚިދުމަތް ނުދެވި ހުރި ހުރިހާ އަތޮޅެއް އިރާދަކުރެއްވިއްޔާ އާރުޓީއެލްގެ ޚިދުމަތް އަޅުގަނޑުމެން ފަށާނަމޭ. އެގޮތުން އެންމެ އަވަހަށް މި ޚިދުމަތް ގާއިމް ވެގެންދާނެ އަތޮޅަކީ މިއަތޮޅުކަން އަޅުގަނޑު ދަންނަވާލަން. މިއަތޮޅުގަ ޖޫން މަހުގައި. ބ. އަތޮޅުގަ ޖުލައި މަހުގައި،“ އުނގޫފާރު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ރައީސް ވިދާޅުވި އެވެ.

އާރްޓީއެލް ފެރީ ހިދުމަތް މިހާރު ދެމުންދަނީ ޒޯން 1 (ހއ. ހދ. އަދި ށ. އަތޮޅު)، ޒޯން 2 (ޅ. އަތޮޅު)، ޒޯން 5 (ގއ. އާއި ގދ އަތޮޅު) އަދި ޒޯން 6 ( ފުވައްމުލައް އަދި އައްޑޫ ސިޓީ) ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top