މުދަލުގެ އަގަށް އަންނަ ބަދަލާއި އެކު ރާއްޖޭގެ އިގްތިިސާދަށް ނުރައްކާ: ވޯލްޑް ބޭންކް

RAees-world-bank-scaled.jpg

ރައީސުލްޖުމްހޫރިއްޔާ، ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންނާއި މިދިޔަ އަހަރު ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

މުދަލުގެއަގާއި އިންފްލޭޝަން މައްޗަށް ދިއުމާއެކު ރާއްޖޭގެ އިގްތިސާދަށް ނުރައްކާ ވެދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން މިއަދު ނެރުނު ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސްއާ އެކު ނެރުނު މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް(އެމްޑީޔޫ)ގައި ރާއްޖެއާއި ގުޅޭގޮތުން ބުނެފައިވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ 12.4 ޕަސެންޓްގައި ކަމަށެވެ. މިއީ ކުރިން ލަފާކުރި އަދަދަށްވުރެ 4.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި 2023-2024 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ 8.1 ޕަސެންޓްގައި ކަމަށް ލަފާކޮށްފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާ އިން ކުރިން ލަފާކުރި ވަރަށްވުރެ ރަނގަޅު ކުރިއެރުންތަކެއް ހޯދާފައިވާތީ ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އައި ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާތީ ރާއްޖޭގެ އިންފްލޭޝަން މައްޗަށްދާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އެކަމާއި ގުޅިގެން ރާއްޖޭގެ އިގްތިސާދީ ގާބިލުކަމަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެދާނެ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ ތަރައްގީއަށް ބޭރުން ބޮޑެތި އަދަދުތަކުން ލޯން ނަގައިގެން ކުރާ ހަރަދުގެ ސަބަބުން ދައުލަތުގެ ދަރަނި ބޮޑުވާނެތީ އާއި ތެލާއި ކާޑަށް އާންމުކޮށް އެންމެންނަށް ލިބޭ ގޮތަށް ދައުލަތުން ސަބްސިޑީ ދޭތީ ދައުލަތުން ކުރާ ރިކަރަންޓް ހަރަދު އިތުރުވުމަކީ ރާއްޖޭގެ އިގްތިސާދަށް ލޮޅުމެއް އަތުވެދާނެ ކަންތައްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

އަންނަ އަހަރަކީ ރާއްޖޭގައި ރިޔާސީ އިންތިހާބު އޮންނަ އަހަރު ކަމަށްވެފައި އެކަމާ ގުޅުވައިގެން ސަރުކާރުން ކުރާ ޚަރަދު އިތުރުވެދާނެތީ އެކަމުގެ ސަބަބުން އިގްތިސާދަށް މައްސަލަތަކެއް ކުރިމަތި ވެދާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވޯލްޑް ބޭންކުން ރާއްޖެ ހިމެނޭ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ޒާވޮސް ވިދާޅުވީ ރާއްޖޭގެ ދަރަނި މެނޭޖްކުރުމަށްޓަކައި މާލީ ފުދުންތެރިކަން އިތުރުކުރުމަށް އިސްކަންދޭން ޖެހޭ ކަމަށެވެ. ރާއްޖޭގެ ދަރަނި މެނޭޖުކުރަން ޓޫރިޒަމް ޖީއެސްޓީއާއި އާންމު ޖީއެސްޓީ ނަގާ ރޭޓް ބޮޑުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އިގްތިސާދީ ހާލަތު ރަނގަޅުކުރަން ކުރެވޭ މާނަވީ ކަމެއް ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

“ދައުލަތުގެ ހަރަދުތައް ކުޑަކޮށް މުދަލާއި ހިދުމަތްތަކުން ސަބްސިޑީ ދެމުންދާ ގޮތްތައް މިހާރަށް ވުރެ ރަނގަޅަށް ހަމަޖައްސައި އިތުރު ފިޔަވަޅުތައް އަޅަންޖެހޭ،” ކަންޓްރީ ޑިރެކްޓަރު ވިދާޅުވެފައިވެ އެވެ.

ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ލޯން ނަގައިގެން ހިންގާ މަޝްރޫއުތަކުގެ ސަބަބުން ދަރަނި އިތުރުވާތީ މީގެކުރިން ވެސް ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ އިދާރާތަކުން ގެންދަނީ އެގޮތަށް އަމަލުނުކުރަން ރާއްޖެއަށް އިރުޝާދު ދެމުންނެވެ. އަދި ހަރަދު ކުޑަކޮށް ދަރަނި މެނޭޖުކުރުމަށްވެސް އެ އިދާރާތަކުން ދަނީ ގޮވާލަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top