ވެސްޓިން މޯލްޑިވްސް މިރިއަންދޫ، ގެ ނަމުގައި ބ. މިރިޔަންދޫގައި ތަރައްގީ ކުރަމުން އަންނަ މަތީ ފެންވަރުގެ ރިސޯޓް އަންނަ އޮކްޓޯބަރ މަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.
ވެސްޓިން މޯލްޑިވްސް މިރިއަންދޫ އަކީ މެރިއޮޓް އިންޓަނޭޝަނަލްގެ ފަރާތުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. އެކަމަކު މި ކުންފުނިން ދުނިޔޭގެ އެކި ތަންތަކުގައި މަތީ ފެންވަރުގެ ރިސޯޓްތަކެއް ހިންގަމުން އާދެއެވެ.
70 ވިލާ އާއި 29 ވޯޓާ ވިލާ ގޮތަށް މަތީ ފެންވަރުގައި ތަރައްގީ ކޮށްފައިވާ މި ރިސޯޓުގައި ތިން ރެސްޓޯރެންޓާއި ރޫފްޓޮޕް ބާ އެއް ހުންނާނެ އެވެ. އެ ރެސްޓޯރެންޓު ތަކުން ދިވެހި ، އިންޑިއާ، ޗައިނާ، ޖަޕާން އަދި އޭޝިއާގެ ކެއުންތައް ލިބެން ހުންނާނެ އެވެ.
އޭގެ އިތުރުން، ވެސްޓިން ބްރޭންޑްގެ މަޝްހޫރު “ހެވަންލީ ސްޕާ” އާއި “ވެސްޓިން ވޯކްއައުޓް” ފިޓްނަސް ސެންޓަރެއްގެ އިތުރުން ވެސްޓިން ކިޑްސް ކްލަބެއް އެ ރިސޯޓުގައި ހުންނާނެ އެވެ.
ވެސްޓިން މޯލްޑިވްސް މިރިއަންދޫ ޑިޒައިން ކުރީ، އިޓަލީގެ މަޝްހޫރު ޕީއީއައިއޭ އެސޯސިއޭޓީންނެވެ. އަދި އެ ރިސޯޓް ތަރައްގީ ކުރީ ޖަޕާނުގެ ބެލޫނާ ކޯ ލިމިޓެޑާއި، ސްރީ ލަންކާގެ އޭޝިއާ ކެޕިޓަލް ޕީއެލްސީންނެވެ.
މި ރިސޯޓުގެ އެކި މަގާމުތަކަށް ބޭނުންވާ މީހުން ހޯދުމަށް ދާދި ފަހުން އޭދަފުށިގައި ވަނީ އޯޕަން ޑޭއެއް ބާއްވާފައެވެ.