އާމްދަނީ ހޯދަން ގޭގައި ކުރާ މަސައްކަތް ރަޖިސްޓަރީ ކުރާކަށް ނުޖެހޭނެ- އިކޮނޮމިކް މިނިސްޓްރީ

viber_image_2020-09-01_14-34-33-1.jpg

އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން ގޭގައި ތިބެގެން ކުރާ މަސައްކަތްތައް ރަޖިސްޓަރީ ކުރަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ހުއްދަތައް ނުނަގައި ގަވައިދާ ހިލާފަށް ރަޖިސްޓަރީ ނުކޮށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދޭނަމަ ފިޔަވަޅު އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމި ނިންމުމާއެކު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުން ދަނިކޮށް އިކޮނޮމިކް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަކި ފަރުދުން އާމްދަނީ ހޯދުމަށް ކުރާ ބައެއް ކަންކަމަކީ، އިސްތިސްނާވެގެންވާ ވިޔަފާރި ކަމުގައި ކަނޑައެޅިފައިވާ ކަންތައްތައް ކަމަށެވެ.

“މިގޮތުން އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ނުޖެހޭ ފަދަ މަސައްކަތްތަކެއް.” އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އަމިއްލަ ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ބަލަނީ، ވަޒީފާގައި މީހުން ގެންގުޅުމަކާ ނުލައި ތިމާ އަމިއްލައަށް ކުރާ މަސައްކަތްތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

“ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ދީފައިވާ އިސްތިސްނާއަށް ބަލާއިރު، ގޭގައި ތިބެގެން އާމްދަނީއެއް ހޯދުމަށް މަސައްކަތްކުރަން ބޭނުންވާ ފަރާތްތައް (ހޯމް ބޭސްޑް ވާކާޒް ނުވަތަ ސެލްފް އެމްޕްލޮއިޑް)، ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން އާމްދަނީ ހޯދުމަށް ގޭގައި މަސައްކަތްކުރުމުގެ ފުރުސަތު އެބަ އޮތް،” ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ކުރަން ލާޒިމު ވިޔަފާރިތަކަކީ އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ހިންގާ ނުވަތަ ކުރާ މުދާ ގަނެވިއްކުމުގެ މަސައްކަތްތަކާއި ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ އުފެއްދުންތެރިކަމުގެ މަސައްކަތްތަކާއި ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ފޯރުކޮށްދޭ ފަންނީ ހިދުމަތްތަކާއި ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ ހިދުމަތް ދިނުމުގެ މަސައްކަތްތަކާއި މާލީ ފައިދާއެއް ހޯދުމުގެ ބޭނުމުގައި ނުއުފުލޭ މުދަލާ ގުޅޭގޮތުން ހައްގުތައް ދިނުން އަދި މާލީ ފައިދާއެއް ހޯދުމުގައި ހިންގާ އެނޫންވެސް ހަރަކާތްތައް ކަމަށެވެ.

މިފަދަ ފަރާތްތަކުން އާމްދަނީ ހޯދަން ފަށާފައިވާ މަސައްކަތް އިތުރަށް ފުޅާކޮށް، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހިޔާރުކުރާނަމަ، އެ ކަމަށް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަންއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވައިދުގެ ހަތަރުވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ގޮތަކަށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދޭންޖެހޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް ފަހުގައި ކަމަށެވެ.

ގޭގައި ކާބޯތަކެތި ތައްޔާރުކޮށް އާމްދަނީއެއް ހޯދުމަށްޓަކައި ވިއްކާ ފަރުދުންވެސް، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާ ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަމަލުކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވިޔަފާރި ކުރުމުގައި އަމަލުކުރަންޖެހޭ ކަންކަމާބެހޭ މައުލޫމާތު އޮޅުންފިލުވުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ކޯލް ސެންޓަރު 1691 އަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށް ބަޔާނުގައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top