ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އިތުރުކޮށްފި

Breaking-News-Image-v2-e1574095563266.jpg

ކޮވިޑް 19 އާގުޅިގެން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި އަޅާފައިވާ ކުއްލި ނުރައްކަތުގެ ހާލަތުގެ މުއްދަތު މި ހިނގާ އެޕްރީލްމަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މިރޭ ނެރުއްވި ގަރާރެއްގައި ވިދާޅުވެފައިވަނީ އޭޕްރީލް 30 އާއި ހަމައަށް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރަން ނިންމަވާފައިވާ ކަމަށެވެ.

އެގޮތަށް ނިންމެވީ ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ދިވެހިރާއްޖޭގައި ޕޮޒިޓިވް ވި ފުރަތަމަ ކޭސް 7 މާރިޗު 2020 ގައި ފެނުނު ފަހުން، އެ ބަލި ފެތުރުން އިތުރުވަމުން އައިސްފައި ވާތީ އާއި އަދި ކޮވިޑް-19 އަކީ “ޕެންޑަމިކް” އެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ވާރލްޑް ހެލްތު އޯގަނައިޒޭޝަން) އިން 11 މާރިޗު 2020 ގައި ކަނޑައަޅައިފައިވާތީކަމުގައެވެ.

ގަރާރުގައި އިތުރަށް ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، 12 މާރިޗު 2020 ގައި އިއުލާނުކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާއްމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލު ކުރެވޭ ކަމަށް ލަފާދެއްވާފައިވާ ކަމުގައެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާ އާއި އެއްގޮތަށް ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، 12 މާރިޗު 2020 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، އިއުލާނު ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، 30 އެޕްރީލް 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އެކަން އިއުލާނު ކުރީކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާކަމުގައިވެސް ހެލްތު މިނިސްޓަރުގެ ގަރާރުގައި ބުނެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top