ސޯނޫގެ ޚިޔާލު: މި ވަގުތަށް ރަނގަޅުވާނީ ބޮޑެތި މަހުޖަނުން ގެނެވޭނެ އިންތިޒާމެއް ރޭވުން .

Eva-and-Sonu-Shivdasani-Destination-Deluxe.jpg

ސޯނޫއާއި އީވާ

ކޮވިޑް 19ގެ ވަބާ ދުނިޔޭގައި ފެތުރެމުންދާ މި ދަނޑިވަޅު، ރާއްޖޭގެ ރިސޯޓުތަކަށްވެސް މީހުން އައުން ހުއްޓުމާ ގުޅިގެން މި ވަގުތު ދެން އެންމެ ރަނގަޅުވާނީ ރާއްޖޭގެ ޓޫރިޒަމް އެއް ފަހަރާ ހުޅުވާލުމުގެ ބަދަލުގައި، ދުނިޔޭގެ ބޮޑެތި މަހުޖަނުން ގެނެވޭނެ އިންތިޒާމެއް ރޭވުން ރަނގަޅު ކަމަށް، ރާއްޖޭގައި ސޮނެވާގެ ރިސޯޓުތައް ހިންގަމުން ގެންދާ ސޮނެވޭ ގްރޫޕުގެ ވެރިޔާ، ސޯނޫ ސިވްދާސަން ބުނެފި އެވެ.

ސޯނޫ މިހެން ބުނެފައިވަނީ ޓްރެވަލް ޓްރޭޑް މޯލްޑިވްސް ވެބްސައިޓުގައި އޭނާ ޝާއިއު ފައިވާ ރިޕޯޓެއްގައެވެ. މި ރިޕޯޓުގައި އޭނާ ފާހަގަ ކޮށްފައިވާ ގޮތުގައި ޕްރައިވެޓް ޖެޓްތަކުގައި ރާއްޖެ އަންނަ ބޭނުންވާ މަހުޖަނުންނަށް ފުރަތަމަ ރާއްޖެ ހުޅުވާލުން ރަނގަޅުވާނެ ކަމަށާ، މީގެ ސަބަބުން ކޮވިޑް-19 ގެ ހާލަތު މެނޭޖު ކުރަން ސަރުކާރަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.

މިގޮތަށް ޕްރައިވެޓް ޖެޓުގައި ރާއްޖެ އަންނަން ދުނިޔޭގެ ގިނަ މަހުޖަނުން މިވަގުތު ބޭނުންވާ ކަމަށާ، މިގޮތަށް އަންނަ މީހުން ޓެސްޓްކޮށް، ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެނަމަ ރާއްޖޭގައި ހަދާފައިވާ ރީތި ކަރަންޓީން ފެސިލީޓީ ތަކަށް ބަދަލު ކުރެވި ދާނެ ކަމަށެވެ. އަދި ޕޮޒިޓިވް ނުވާ މީހުންނަށް ޗުއްޓީ ހޭދަ ކުރަން ފުރުސަތު ދެވިދާނެ ކަމަށާ، މިހެން ހެދުމުން ދައުލަތަށް ލިބޭ އާމްދަނީ ވެސް އިތުރު ވާނެ ކަމަށެވެ.

ސޯނޫ ވިދާޅުވި ގޮތުގައި ސޮނޭވާގެ ރިސޯޓު ތަކަށް އަންނަން މަހުޖަނުންގެ، އެ ފަދަ 20 ހުށަހެޅުމެއް ލިބިފައިވާ ކަމަށާ، އެ މީހުން ރާއްޖޭގައި މަހެއްހާ ދުވަހަށް ތިބޭނެ ކަމަށެވެ.

“އެ ފަދަ މީހުން ރާއްޖޭގައި ފަސް މިލިއަނެއްނާ ޑޮލަރު ހޭދަކުރާނެ. މި ފައިސާގެ ތެރެއިން ހަ ލައްކަ ޑޮލަރު ސަރުކާރަށް ޖީއެސްޓީގެ ގޮތުގައި ލިބިގެން ދާނެ،” ސޮނޭވާފުށި އަދި ސޮނެވާ ޖާނީގެ އިތުރުން  އިތުރުން ތައިލެންޑުގައި ވެސް ޓޫރިޒަމް ވިޔަފާރި ކުރާ ސޯނޫ ބުނެއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮވިޑް-19 ނެތް ގައުމުތަކުން ކަނޑައަޅާ ވަކި އުސޫލެއްގެ ތެރެއިން ގެނައުން ރަނގަޅު ވާނެ ކަމަށާ، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުޅުވާލެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެހެންނަމަވެސް ސޯނޫގެ މިޚިޔާލަށް ފާޑުކިޔަމުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އެކޮނޮމިކް މިނިސްޓަރު މިހައްމަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް މަހުޖަނުން ގެނައުމަށް ވުރެ މިވަގުތު މުހިއްމީ ރައްޔިތުންގެ ރައްކާތެރިކަން ކަމަށެވެ.

ސައީދު ވިދާޅުވީ މަހުޖަނުން އަބަދުވެސް ރާއްޖެ އަންނާނެ ކަމަށައި ވަރަށް ގިނައިން މިހާތަނަށް ވެސް މަހުޖަނުން ރާއްޖެ އައިސްފައި އެބަހުރި ކަމަށެވެ. އަދި މަހުޖަނުން ރާއްޖެ އަންނަނީ ރާއްޖެ ރީތިވެފައި، ރާއްޖެ ކަމުދާތީ ކަމަށާއި ނަމަވެސް މިވަގުތު މުހިއްމީ އާއްމު ރައްޔިތުންގެ ރައްކާތެރިކަން ކަމަށް ސައީދު ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށްދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. ސަރުކާރުން ކުރިން އަންދާޒާ ކޮށްފައި އޮތީ، މި އަހަރުގެ ފަތުރުވެރިކަން، 8 އިންސައްތަ ކުރިއަރާނެ ކަމަށެވެ.

މި ބަދަލުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެކަމަށް ލަފާކުރި ޢަދަދަށްވުރެ، 2.1 ބިލިއަން ރުފިޔާއާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top