ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާ ދުވަހު ރައީސުން ”ގެއަށް ފޮނުވާލަން“ ޖެހޭ: އެމްޕީ. ސަލީމް

saleem-e1632799016636.jpeg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް

ރާއްޖޭގައި ވެރިކަން ކުރައްވާ ރައީސުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާ ދުވަހު “ގެއަށް ފޮނުވާލަން” ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ ޕީޕީއެމް މެންބަރު، އަދި މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް، (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ކުރިއަށް ދިޔަ ބަހުސެއްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ފަސް އަހަރަށް ވުރެ ގިނަ ދުވަހު ވެރިކަން ކުރަން ރައީސުންނަށް ފުރުސަތު ދޭން ނުޖެހޭ ކަމަށާއި ފަސް އަހަރު ވެރިކަން ކުރައްވާފައި ދެން އެ ބޭފުޅުން މަސައްކަތް ކުރައްވަނީ އަނެއް ފަސް އަހަރު ވެސް ވެރިކަން ކުރައްވަން ކަމަށާއި އެއީ މައްސަލައެއް ކަމަށެވެ.

“ފަސް އަހަރުވާ ދުވަހު ގެއަށް ފޮނުވާލާ ގޮތަށް ބާއްވަންވީ، އެ ނޫން ގޮތަކަށް ހަދައިފި ނަމަ، މި ގައުމުގައި ހަރަދުތައް ކުޑަ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ.” ސަލީމް ވިދާޅުވިއެވެ.

“މީހަކު މަރާލާފައި” ނުވަތަ “ދައުލަތުގެ ހުރިހާ ފައިސާއެއް ދަވާލައިގެން” ވިޔަސް، “ހުރިހާ ވިޔަފާރިވެރިންގެ ފައިސާކޮޅު ދަމައިގަނެގެން” ވިޔަސް ދެވަނަ ފަހަރު ވެރިކަމަށް އަންނަން ރައީސުން އުޅުއްވާ ކަމަށް ސަލީމް ތުހުމަތު ކުރެއްވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 30 އަހަރު ވެރިކަން ކުރެއްވީމަ، ކޮންމެ މީހަކު ބޭނުން ވަނީ 30 އަހަރު ވެރިކަން ކުރާށެވެ. އެ ވިސްނުމުގައި ހުންނަ ނަމަ، މި ގައުމު ހިންގާނީ ކިހިނެއްތޯ ވިދާޅުވެ އޭނާ ސުވާލު އުފެއްދެވި އެވެ.

ސަލީމްވަނީ އެމެރިކާގައި އޮންނަ ވަރުގެ ސަރުކާރަކާއި ކުންފުނިތަކެއް ރާއްޖޭގައި ހަދަން ޖެހޭ ކަމަށްވެސް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އަދި ދައުލަތުން ހަރަދު ކުޑަ ކުރެވޭނެ ގޮތަކާ މެދުގައި ވިސްނަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

”އެންމެ ހައެއްކަ ވުޒާރާ އިން ރާއްޖެ ހިންގޭނެ. އޭގެ ދަށުން ކުޑަ ޑިޕާޓްމަންޓުތަކެއް ހެދީމަ އެކަން އެ ނިމުނީ“ސަލީމް ވިދާޅުވިއެވެ.

ސަރުކާރުގެ ވެރިން އަބަދު ރާއްޖެ އިން ބޭރުގައި ތިއްބަވާތީ އެކަމަށް ވެސް ސަލީމް ފާޑު ވިދާޅުވިއެވެ.

”ރައީސް ބައިޑަން އަށް ނުކުރެވޭނެ މި ރާއްޖޭގެ މީހުން ކުރާ ދަތުރުގެ ސާޅީސް ބައިކުޅަ އެއް ބައި ވެސް. މި މީހުން މިތިބެނީ އަބަދުވެސް ބޭރުގައި. ހީވަނީ ރާއްޖެއިން ބޭރު ނުދެކޭ ބައެއް ހެން.” ސަލީމް ވިދާޅުވިއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top