ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި ކުރިން ބާއްވާނެކަމަށް އިއުލާން ކުރި ފުޅަނދު ބުރުގެ ހަރަކާތްތައް ވެސް ކެންސަލް ކޮށްފި އެވެ.
ހޯމް މިނިސްޓްރީން ބުނީ މިފަހަރުގެ މިނިވަން ދުވަހާ ގުޅިގެން ބާއްވާނީ އެ ދުވަހުގެ ހެނދުނު ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތު އެކަނި ކަމަށެވެ. އެ ހަރަކާތް އޮންނާނީ މާދަމާ ހެނދުނު 6:00 ޖަހާއިރުއެވެ.
“އެހެން ހަރަކާތްތައް ކެންސަލްކޮށްފައި މިވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން އެ ހަރަކާތްތައް ނުބޭއްވުމަށް ސަރުކާރުން އެންގުމުން،” ހޯމް މިނިސްޓްރީގެ ތަރުޖަމާން ހަފްސީ އަބްދުﷲ ވިދާޅުވިއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި ފުޅަަނދުބުރުގެ ހަރަކާތްތަކަކީވެސް މިނިވަން ދުވަހާ ގުޅިގެން ހޯމް މިނިސްޓްރީން އިންތިޒާމު ކުރާ ހަރަކާތެކެވެ.
މާލޭގައި އެންމެ ފަހުން ފުޅަނދުބުރެއް ބޭއްވީ ރާއްޖޭގެ 54 ވަނަ މިނިވަންދުވަހާ ދިމާކޮށް 2019ގައެވެ. އެ ފުޅަނދުބުރުގައި ސަރުކާރުގެ ފަސް ކުންފުންޏަކުން ބައިވެރިވި އެވެ.
ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުންދާތީ ދައުލަތުގެ ހަރަދުކުޑަކުރަން އަންގައި ސަރުކާރުގެ ހުރިހާ އޮފީހަކަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ވަނީ ސާކިއުލާއެއް ފޮނުވައިފައެވެ.