މިކަން ނިމިއްޖެ، މިރޭ ވޯޓު ގުނިޔަސް މޮޅުވާނެ

F49QD83aIAAvMZp.jpg

މިރޭ ވޯޓު ގުނިޔަސް ރިޔާސީ އިންތިހާބުން އެމްޑީޕީ މޮޅުވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގިނަ އަދަދެއްގެ ބަޔަކާއެކު ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބު މިހާރު އޮތީ ނިމިފައި ކަމަށާއި މިރޭ ވޯޓު ގުނިޔަސް މޮޅުވާނެ ކަމަށެވެ.

”އިންތިޚާބު މިހާރު މި އޮތީ ނިމިފަ. މިރޭ ވޯޓު ގުނިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މޮޅުވާނެ. މާދަމާ ވޯޓު ގުނައިފިއްޔާ އެއަށް ވުރެ ބޮޑުތަނުން މޮޅުވާނެ. ނުވައެއް ސެޕްޓެމްބަރުގައި ގުނައިފިއްޔާ މާބޮޑުތަނުން މޮޅުވާނެ،“ އެމްޑީޕީގެ އެތައް ސަތޭކަ ސަޕޯޓަރުންނާއި މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހިނގަމުންދާ ކޮންމެ ސިކުންތަކާއި މިނެޓެއް ދިވެހިންނާއި ގާތްކޮށްދެނީ އުފާވެރި އަމާން ރާއްޖެ ކަމަށެވެ. ރާއްޖޭގެ 16 އަތޮޅަކަށް ކުރެއްވި ދަތުރުފުޅުތަކުން ފެނިގެން ދިޔައީ އަނިޔާވެރިކަމަށް އެނބުރި ދާން ބޭނުން ނުވާ މަންޒަރު ކަމަށާއި ފެންނަނީ ބޮޑެތި ހެޔޮ ބަދަލުތަކެއް ރަށްރަށަށް އައިސްފައިވާ މަންޒަރު ކަމަށް ރައީސް ވިދާޅުވި އެވެ.

”ރައްޔިތުން ތިބީ ވަކި ގޮތަކަށް ނިންމައިގެން. އެއީ މިރޭ ތިބޭފުޅުން ވެސް ތިއްބެވި ގޮތް. އެއް ބުރުން ނޫން ބުރެއް މިފަހަރަކު ނެތް. މުޅި ރާއްޖޭގެ ރަސްމީ ނަތީޖާ ރަމްޒުވަނީ ފުރަ މާލޭގައި މިރޭ މި ބޭއްވޭ ޖަލްސާގެ މި މަންޒަރާ.“ ރައީސް ވިދާޅުވި އެވެ.

މި ފަސް އަހަރު ހޭދަކުރީ ރައްޔިތުން ހަވާލުކުރި އަމާނާތް އޭގެ ގޮތުގައި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކުރާނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ. މި ފަސް އަހަރުތެރޭ މިއިން ދުވަހަކު ވެސް ރާއްޖެ އަށް ނުގެނެވޭ ފަދަ ބަދަލުތައް ގެނެވިފައިވާ ކަމަށާއި އަދި މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ވެސް އެންމެ ބޮޑު ހައްލެއް ގެނައީ މި ސަރުކާރުން ކަމަށްވެސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top