ކެމްޕެއިން ކުރާއިރު ތިމާވެއްޓަށް ގެއްލުން ނުދީ! : އީޕީއޭ

DSCN3184.jpg

ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރާއިރު ތިމާވެއްޓަށް ގެއްލުން ނުދިނުމަށް, އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ގޮވާލައިފިއެވެ.

އީޕީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، ބައެއް ރަށްރަށުގައި ހިމާޔަތް ކޮށްފައިވާ ގަސްގަހާ ގެއްސަށާއި ދުވަސްވީ ބޮޑެތި ގަސްތަކަށް މޮހޮރު ފަދަ އެއްޗެހި ޖަހާ ގެއްލުން ދޭކަން އެ އެޖެންސީއަށް ފާހަގަ ކުރެވިފައި ވާކަމަށެވެ.

އަދި، ރުއްގަހަށް ސްޕްރޭކޮށް ދަވާދު ލުމާއި ކެމްޕެއިން ހަރަކާތްތަކަށް ބޭނުން ކުރާ ބައެއް ލީފްލެޓާއި ޕޯސްޓަރު ފަދަ ތަކެތި މަގުމައްޗަށް އަޅާކަން ވެސް ފާހަގަ ކުރެވިފައި ވާކަން އެ ބަޔާނުގައި ވެއެވެ.

ކެމްޕޭން ހަރަކާތްތަކަށް ގިނަ އަދަދެއްގެ ސިންގަލް ޔޫޒް ޕްލާސްޓިކް ފެންފުޅި ބޭނުންކުރުމަށްފަހު ކުނީގެ ގޮތުގައި އުކާލުމަށްފަހު، އެ ތަކެތި މެނޭޖުނުކުރާކަން ވެސް ވަނީ ފާހަގަކުރެވިފައި ކަމަށް އީޕީއޭން ބުންޏެވެ. އަދި ބުނީ ރަށްރަށުގެ ފަރުގެ ސަރަހައްދުތަކުގައިވާ މުރަކަތަކަށް ގެއްލުންވާގޮތަށް، ފަރުތައް ތޮރުފައި ނުވަތަ ހަވާލުކޮށްގެން ދިދަ ޖެހުމުގެ ބޭނުމުގައި ދަގަނޑު ހޮޅި ޖަހަމުންދާކަން ވެސް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަންނަ އޮތް ޖީލުތަކަށް ރާއްޖޭގެ ގުދުރަތީ ތިމާވެއްޓާއި ދިރޭތަކެތީގެ މުއްސަނދިކަން ފޯރުކޮށްދޭން ޖެހޭކަމަށް އީޕީއޭން ބުންޏެވެ. އިގްތިސޯދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމަށް ކުރާ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތްކުރެވޭ ދެމެހެއްޓެނެވި ތަރައްގީގެ އުސޫލުތަކުގެ މަތިން ކުރާކަމަކަށް ހަދަންޖެހޭ ކަމަށް އީޕީއޭން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top