”އޮމިކްރޯން“ ވޭރިއަންޓް ރާއްޖޭގައި އުޅޭކަން އެނގޭނީ ދެތިންހަފްތާ ފަހުން: ޑރ.ނަޒްލާ

ehyovWoqiFoREKbCVeRdmPiun2TaxfMFfROPPaXF.jpg

“އޮމިކްރޯން” ވޭރިއަންޓް ރާއްޖޭގައި އުޅޭކަން އެނގޭނީ ދެތިން ހަފުތާ ފަހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ ރާއްޖެއިން ކޮވިޑްޖެހޭ މީހުންގެ ގައިން ފެންނަ ވޭރިއެންޓް ތައް ދެނެގަނެވެނީ ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ކަމަށާއި މިހާރު އޭގެ ސާމްފަލް ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ސައުތު އެފްރިކާއިން ފެނިގެން އުޅޭ ކޮވިޑް-19ގެ އާ ވޭރިއަންޓް “އޮމިކްރޯން” ޑެލްޓާ ވޭރިއަންޓަށް ވުރެ ހަލުވިކޮށް ފެތުރިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި “އޮމިކްރޯން” އަކީ މިހާތަނަށް އެންމެ ގިނަ މިއުޓޭޝަންސް ހުރި ކަމަށް ފެނުނު ވޭރިއަންޓް ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

“އޮމިކްރޯން” ވޭރިއަންޓަކީ ބަލި ޖެހި ރަނގަޅުވެފައި ތިބި މީހުންނަށް ވެސް އަލުން ބަލި ޖެހުމުގެ ފުރުސަތު ބޮޑު ވޭރިއަންޓެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވިޔަސް އެ ވޭރިއަންޓުގެ ޒަރީއާއިން ބަލި ޖެހޭ މީހުންނަށް ބަލީގައި ބޮޑުވަރުވުމުގެ ފުރުސަތު ބޮޑުކަމެއް ނޫނީ ސިވިއަރިޓީ މަތިކަން އަދި ދެނެގަނެވިފައި ނުވާ ކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި، ދަތުރުފަތުރުގެ ސަބަބުން ރާއްޖެއަށް އާ ވޭރިއަންޓުތައް އައުން ނުހުއްޓުވޭނެ ކަމަށެވެ. އެހެން ނަމަވެސް ޕީކްތައް އައުން މަދުކުރެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

“އެކި ގޮތް ގޮތަށް މިގޮތަށް ވޭރިއަންޓްތައް އަންނައިރު އިތުރު ވޭރިއަންޓްތައް ވެސް އަންނާނެ، އަދި އަޅުގަނޑުމެންނަށް ޑިޑެކްޓް ނުކުރެވޭ އެއްޗެހި ވެސް ހުންނާނެ ސަލާމަތީ ފިޔަވަޅުތަކަކާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މީގައި މުހިންމު ކަމަކީ ރާއްޖެ އެތެރެވުމަށް މިކުރާ ކަންތައްތަކުގެ އިތުރަށް ހަމަ ރާއްޖޭގެ އެތެރޭގައި ވެސް ކުރާ ކަންތައްތައް ކުރުން މުހިންމު.” ނަޒްލާ ވިދާޅުވިއެވެ.

އާ ވޭރިއަންޓެއް އުޅޭކަން ދެނެގަނެވޭނެ ހަމައެކަނި ގޮތަކީ ސާމްޕަލްތައް ޓެސްޓުކުރުން ކަމަށް ނަޒްލާ ވިދާޅުވިއެވެ. ނަޒްލާ ވިދާޅުވީ ބޭރަށް ސާމްޕަލް ފޮނުވައިގެން ހަދާ ޓެސްޓުތައް ރާއްޖެއިން ހެދޭނެ އިންތިޒާމު ހަމަޖައްސަން ތަކެތި ގެނެސްފައި ވާކަމަށެވެ. އެހެން ނަމަވެސް ރާއްޖެއިން ޓެސްޓް ހަދަން ފަށަން ވަގުތު ނަގާނެކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ އާ ވޭރިއަންޓާ ގުޅިގެން ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެއީ މި ވޭރިއެންޓް ފުރަތަމަ ފެނުނު ދެކުނު އެފްރިކާ އާއި ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓިނީއެވެ. މީގެ އިތުރުން ބޭރު ގައުމުތަކުން ރާއްޖެ އެތެރެވާ ހުރިހާ މީހުން ވެސް ކަރަންޓީނު ވާންޖެހޭގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top