ރިޔާސީ ބަހުސްގައި ބައިވެރިނުވާ ކެންޑިޑޭޓަކީ ހަމައެކަނި ރައީސް ސޯލިހު!

l_169269574944GfoV.jpeg

ރައީސް ބ. ކަމަދޫގައި -- ފޮޓޯ/ އެމްޑީޕީ

އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވުމަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ދިން ދައުވަތު، ރައީސް ސޯލިހު ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުން ގަބޫލު ކުރައްވައިފިއެވެ.

ގައުމީ ޔުނިވާސިޓީ އާއި ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގުޅިގެން ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

މި ބަހުސްގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން މިހާތަނަށް ދެއްވާފައިވާ ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާ، ފާރިސް މައުމޫން، އުމަރު ނަސީރު، އަދި ހަސަން ޒަމީލުވެސް ހިމެނެއެވެ.

އެމްޑީޕީގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތުމާމެދު ރަސްމީކޮށް މިހާތަނަށް ގޮތެއް ނިންމާފައި ނުވާއިރު އެކަމާ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހުގެ ފަރާތުން ލިބިފައިވާ ޖަވާބަކީ ވަގުތުހުރި ގޮތުން އެއްވެސް ބަހުސެއްގައި ބައިވެރިވެވެން ނެތްކަމަށެވެ.

މީގެ ކުރިން ނޫސްވެރިން ސުވާލު ކުރުމުން ރައީސް ސޯލިހުގެ ކެމްޕެއިން ސްޕޯކްސް ޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުންފިލުވަން ކަމަށެވެ. އެހެންކަމުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު، ވަގުތު ތަންދޭނަމަ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އަންނަ ހުކުރު ދުވަހުގެރޭ 9 ޖަހާއިރު ބަހުސް ފެށުމަށް ހަމަޖެހިފައި ވާއިރު އެ ބަހުސްގައި ކެންޑިޑޭޓުންގެ ތަސައްވަރާއި ސިޔާސަތުތަކާއި ކުރިއަށް އޮތް ފަސް އަހަރާ މެދު ކެންޑިޑޭޓުންގެ އުންމީދުތައް ހުރި ނެތް ގޮތް ހާމަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ.

2018ވަނަ އަހަރު އެމްއެންޔޫ އިން ބޭއްވި ރިޔާސީ ބަހުސް ގައިވެސް ރައީސް ސޯލިހު ބައިވެރިވެވަޑައިނުގަންނަވަ އެވެ. ސަބަބެއްކަމުގައި ވިދާޅުވީ ރައީސް ޔާމީން އެކަނި ބައިވެރިވެ ވަޑައިގަންނަވަން ނިންމެވުމުން މިނިވަން ކަމާއެކު ކުރިއަށް ނުދާނެކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top