ގޮއިދޫގައި މި އަހަރުވެސް އަލިފާން ބޯޅަ

maeed.jpg

ގޮއިދޫގައި މިއަހަރު ކުރިއަށް ދިޔަ 'ފަޔާ ބޯލް' ގެ ތެރެއިން:

ބ.ގޮއިދޫއަކީ އީދުގައި އެހެން ރަށްރަށުގައި ކުޅޭ އާއްމު ކުޅިވަރުތަކާ ޚިލާފު ނުރައްކާތެރި ކުޅިވަރެއް ކުޅޭ އަދި އެކުޅިވަރަށް ކުޅަދާނަ ބައެކެވެ. އެމީހުން ބޮޑު އީދުގައި ކުޅޭ އެންމެ ފާހަގަ ކުރެވޭ ކުޅިވަރަކީ އަލިފާން ބޯޅަ ނުވަތަ ފަޔާ ބޯލް އެވެ. އަލިފާން ބޯޅަ ކުޅުމަކީ ގޮއިދޫ މީހުން ބޮޑުއީދުގައި ކުޅޭ ފޯރިގަދަ ކުޅިވަރެކެވެ.

ގޮއިދޫ ކައުންސިލާއި ރަށުގެ ޖަމިއްޔާތައް ގުޅިގެން މިއަހަރުގެ އީދު ފާހަގަކުރިއިރު، އެންމެ ގިނަބައެއްގެ ތަރުހީބު ލިބުނީ އަލިފާން ބޯޅައިގެ ހަރަކާތަށެވެ.

އަލިފާން ބޯޅަ އަކީ ފުޓުބޯޅަ ގޮތަށް ކުޅޭ ކުޅިވަރެކެވެ. ނަމަވެސް ތަފާތަކީ ދަނޑުގެ ރޮނގުތައް ވަކިކޮށްފައިވަނީ އަލިފާނުންނެވެ. އަދި ބޯޅައިގައިވެސް އޮންނަނީ އަލިފާން ރޯކޮށްފައެވެ.

”ދަނޑު ވަށައިގެންނާ މެދުރޮނގާ ގޯލްތައްވެސް ހުންނާނީ މެޗްކުޅޭ ގަޑީގައި އަލިފާން ރޯކޮށްފަ. އަނެއްކާ ގޯތައްވެސް ހުންނާނީ ރޯކޮށްފަ. ބޯޅަވެސް ކުޅެމުންދާނީ ހުޅުގަނޑާއެކު. ކުޅުންތެރިންގެ ސެކިއުރިޓީއަށް އަލިފާން ނުހިފާކަހަލަ ސައިބޯނި، ލޯޝަން ކަހަލަ އެއްޗެތި ހާކައިގެން މެޗް ކުރިޔަށް ދާނީ“ ގޮއިދޫގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ކިތުނާ ކިޔައިދެއްވި އެވެ.

މީގެ އިތުރުން އަލިފާން ނިއްވަން ބޭނުން ކުރާ ފުޅިއާއި، ތެންމާފައިވާ ތުވާލިތަކާއި، ބެލޭންކެޓްތައް މެޗް ފެށުމުގެ ކުރިން ހުންނާނީ ސްޓޭންޑް ބައި ގައެވެ. އެއާއެކު އެސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޒުވާނުން ކޮޅެއް އަލިފާން ދަނޑުގެ ބޭރުން ހަރަކާތްތެރި ވާނެ އެވެ.

މެޗު ކުޅޭ ދެޓީމުގެ ކުޅުންތެރިން ވެސް ދިގު އެއްޗެހި ލުމަކީ މަނާ ކަމެކެވެ. ދަނޑު އާދަޔާ ހިލާފަށް ހޫނު ގަދަވުމުން ކުޅުންތެރިންނަށް ހަމައެކަނި ލެވޭނީ ސޯޓެކެވެ. އަދި ބައެއް ކުޅުންތެރިން ޝަވަޖެލް ކަހަލަ އެއްޗެހި، ކުޅުމުގެ ތެރޭގައި ހޫނު މަޑު ކުރުމަށް ގައިގައި ހޭކުމަކީ މައްސަލައެއް ނޫނެވެ.

މިއީ ނުރައްކާތެރި ކުޅިވަރެއް ނަމަވެސް، އެރަށުގެ ޒުވާނުން މިހާރު މި ކުޅިވަރަށް ވަރަށް ފަރިތަވެފައި މޮޅެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top