އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ( ޖޭޕީ) އިން ވާދަކުރައްވާ އޮނަރަބަލް ގާސިމް އިބްރާހިމަށް ތާއީދު ހޯދުމަށް ބ. އަތޮޅާއި ރ.އަތޮޅު ރަށްރަށަށް ކުރައްވާ ދަތުރުގައި މިއަދު އޭދަފުއްޓަށް ޒިޔާރަތް ކުރައްވައިފި އެވެ.
މި ދަތުރުގައި އިސްކޮށް ހަރަކާތްތެރިވަނީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި އުތުރު ކެމްޕެއިން މެނޭޖަރު އަމީން އިބްރާހިމާއި ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ތަރުޖަމާން، އަބްދުﷲ އަމީނެވެ.
ދަތުރުގެ މައުލޫމާތު ދެއްވަމުން އެ ޓީމުން ބުނީ މިއީ ކާމިޔާބު ދަތުރެއް ކަމަށާއި މިދަތުރުގެ މުހިއްމު ބޭނުމަކީ ރަށްރަށުގެ ކެމްޕެއިން ފޯކަލް ޕޮއިންޓުންނާއި ރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި މަޝްވަރާކޮށް އަތޮޅުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ދާގޮތާއި މެދު މަޝްވަރާ ކުރުން ކަމަށެވެ.
”އިއްޔެއާއި މިއަދު ކުރެވުނު މަސައްކަތުން ބ.އަތޮޅު ފެންނަނީ އުޖާލާކޮށް“ ޖުމްހޫރީ ޕާޓީން ބުނެފައިވެއެވެ.
ޖޭޕީ އިން އިއްޔެ އިންފެށީގެން ބ.އަތޮޅުގައި ކުރަމުން ގެންދާ ދަތުރުގައި މިހާރުވަނީ ހިތާދުއާއި ފަޅުތެރެ (ގޮއިފުޅާ ފެހެންދޫ) ފިޔަވައި ހުރިހާ ރަށަކަށް ޒިޔާރަތް ކޮށްފައެވެ. މިރަށްރަށަށް މާދަމާ ޒިޔާރަތްކުރުމުން ބ.އަތޮޅުގެ ހުރިހާ ރަށަކަށް ދެވި ރައްޔިތުންގެ އިހުސާސް ތަކާއި މިއަދުގެ ސިޔާސީ މަސްރަހު އޮތް ގޮތް ސާފުވާނެ ކަމަށް ޓީމުން މައުލޫމާތު ދެއްވި އެވެ.