ދަބަސް ލުއިކުރުމުގެ ގޮތުން ދެން ދޫކުރާނީ ބޭރުގަނޑު ތުނިފޮތް: އެޑިއުކޭޝަން

WhatsApp-Image-2023-07-03-at-19.19.15-1.jpg

ސްކޫލް ކުދިންގެ ދަބަސް ބަރުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން މޮނީޓަރު ފޮތުގެ ބަދަލުގައި ދެން ދޫކުރާނީ ބޭރުގަނޑު ތުނި ފޮތްކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިހްސާން ވިދާޅުވީ މިގޮތަށް ނިންމީ ދަރިވަރުންގެ ފޮތް ދަބަސް ލުއިކުރުމުގެ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ މި އަހަރު ދަރިވަރުންނަށް ދޫކުރި ފޮތް ލިސްޓުގައިވެސް ހިމަނާފައިވަނީ ތުނި ކަވަރުލީ ފޮތްކަމަށާއި އަދި ފޮތް ވިއްކާ ފިހާރަތަކުން ލިބެން ހުންނާނީ ވެސް ތުނި ކަވަރުލީ ފޮތް ކަމަށެވެ.

ފޮތްދަބަސް ބަރުވުމުގެ ޝަކުވާ އަކީ މީގެ އެތައް އަހަރު ކުރިން ފެށިގެން ބެލެނިވެރިން ކުރަމުން އަންނަ ޝަކުވާއެކެވެ.

ބަރު ފޮތް ދަބަސް އުފުލައިގެން ބުރަކަށީގައި ރިއްސާތީ ޑޮކްޓަރަށް ދައްކާ ކުދިންގެ އަދަދު ގިނަވެފައިވާއިރު، އެކަމުގެ ކަންބޮޑުވުން ޑޮކްޓަރުންވެސް ވަނީ މީގެކުރިން ހިއްސާކޮށްފަ އެވެ.

ހަމަ އެހެންމެ، ކުދިންގެ ބަރުދަނަށް ބަރު ދަބަސް ބުރަކަށީގައި އަޅުވާނަމަ، އެކުދިން ހެދި ބޮޑުވުމަށާއި، ބުރަކައްޓާއި، ކަނދުރާ އަދި މޭމަތީގެ ކާވް އާ ގުޅިފައިހުންނަ ހިސާބުތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށް ކަށީގެ ޚާއްސަ ޑޮކްޓަރުން ވިދާޅުވެއެވެ.

ބަރު އެއްޗެއް އުފުލާނަމަ، އެ ވާންޖެހޭނީ އެމީހެއްގެ ނުވަތަ އެ ކުއްޖެއްގެ ބަރުދަނުގެ 10 ޕަސެންޓަށް ވާވަރުގެ އެއްޗަކަށް ކަމަށް ދިރާސާ ތަކުންވެސް ދައްކައެވެ.

ސުކޫލް ތަކުން ދަރިވަރުންނަށް ޓެބްލެޓް ބޭނުންކުރަން ދޭން ފެށި ފަހުން މި މައްސަލައަށް ހައްލެއް ލިބޭނެކަމަށް ބެލެނިވެރިންނާއި ދަރިވަރުން އުންމީދުކުރި ނަމަވެސް ޓެބްލެޓް ބޭނުންކުރަން ފެށި ފަހުންވެސް ގިނަ މާއްދާތައް ކިޔަވައިދެނީ ފޮތުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top