މާލެއިން ރަށަށް ބަދަލުވާ މީހުންނަށް 3000ރުފިޔާގެ އެލަވަންސް އެއް

DSCN2027.jpg

ކޮވިޑް-19 ގެ ސަބަބުން މާލެއިން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލު ކުރަން އެދޭ އާއިލާތަކަށް 3،000 ރުފިޔާގެ އެލަވެންސެއް ދޭގޮތަށް އުސޫލެއް އެކުލަވާލައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ސަބަބުން މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށްފައިވާތީ، އަމިއްލައަށް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން 500 އާއިލާއަކަށް އަހަރެއްގެ މައްޗަށް 26.7 މިލިޔަން ރުފިޔާ ޚަރަދު ކުރަން ނިންމާފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން އެހީއަށް އެދޭ ޚާއްސަ ފޯމު ހުށަހަޅަން ޖެހެނީ އެހީ އަށް އެދޭ ފަރާތުން ވަޒަންވެރިވާން އެދޭ ރަށެއްގެ ކައުންސިލަށެވެ. އަދި އެކަމަށް އެދޭތާ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެހީއަށް ޝަރުތު ހަމަވާނަމަ ނުވަތަ ނުވާނަމަވެސް މިނިސްޓްރީގެ ފަރާތުން އަންގަން ޖެހޭގޮތަށް އުސޫލުގައިވެއެވެ.

މި އުސޫލުގެ ދަށުން ދޭ މާލީ އެހީގެ ތެރޭ ހިމެނެނީ އެސްޓެބްލިޝްމެންޓު އެލަވެންސްގެ ގޮތުގައި ހަމަސް ވަންދެން އާއިލާއަކަށް ދެވޭ 3،000 ރުފިޔާ، ވަޒަންވެރިވުމަށް ދަތުުރުކުރާ ރަށަށް ދިޔުމަށް އެއްކޮޅު ޓިކެޓުގެ އިތުރުން އެމީހަކު އެ ބަދަލުވާ ރަށެއްގައި އުޅޭނެ ގެދޮރު މަރާމާތު ކުރަން ޖެހިއްޖެނަމަ އެކަމަށް ހިނގާނެ ހަރަދުގެ އިންސައްތައެއް އަދި އާއިލާގެ ހާލަތަށް ބަލައި ފަރުނީޗަރު ހޯދުމަށް ހިނގާނެ ޚަރަދުގެ ވަކި އިންސައްތައެކެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވެފައިވަނީ ފަރުނީޗަރުތައް ހޯދުމަށާއި ގެދޮރު މަރާމާތުކުރުމަށްޓަކައި 20000 ރުފިޔާއަށްވުރެ މަތި ނޫން އަގެއްގައި ލޯން ދޫކުރާނެކަމަށެވެ.

އެހީއަށް އެދޭ ފަރާތުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރުނުވާ އެއް ކުއްޖަކު އެމީހެއްގެ ބެލުމުގެދަށުގައި ހުރުމާއި އެމީހެއްގެ ދިރިއުޅުން އެހެން ރަށަކަށް، ދިގުމުއްދަތަކަށް ބަދަލުކުރަން ބޭނުންވި ނަަމަވެސް އެކަން ކުރެވޭގޮތް ފަހިވެފައި ނެތުމާއި ބަދަލުވާން ބޭނުންވާ ރަށުގައި ދިރިއުޅޭނެ އިންތިޒާމް ހަމަޖެހިފައިވުން ނުވަތަ އެފަދަ އިންތިޒާމެއް ހަމަޖެއްސޭނެ ފަދަ ގޮތެއް ހުރުން ހިމެނެއެވެ.

މީގެ އިތުރުން ރަށަށް ބަދަލުވާ މީހަކީ މާލެ ސަރަހައްދުގައި ދިރިއުޅޭތާ މަދުވެގެން އަހަރެއްވެފައިވާ ދިވެއްސަކަށްވެސް ވާންޖެހެއެވެ. މި އުސޫލުގައި ވާގޮތުން މާލީ އެހީ ދޭނަމަ އެމީހަކީ ފަގީރުކަމުގެ ހާލަތު ދެނެގަތުމާ ގުޅޭގޮތުން އެންސްޕާއިން އާންމުކޮށްފައިވާ ގަވާއިދު ބުނާ މިންވަރަށްވުރެ މަދުން އާމްދަނީ ލިބޭ މީހަކަށް ވާންޖެހެއެވެ.

މި އުސޫލުގައި ބުނެފައިވަނީ މިޕްރޮގްރާމްގެ ދަށުން ސްކޫލު ކުދިންނަށް ސްކޫލުން ޖާގަ ހޯދައިދިނުމަށާއި ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ދަތިވާނަމަ އެކަމަށްވެސް އެހީ ދޭނެކަމަށެވެ. އަދި ސްކޫލަށް ދިއުމަށް އިތުރު މާލީ އެހީ ބޭނުންވާނަމަ އެފަދަ ތަކެތި ގަތުމަށް ލުއި ލޯނު ފަދަ ވަސީލަތްތައް ހޯދުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުވައްސަސާތައް މެދުވެރިކޮށް އެހީތެރިވާނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top