ސިއްހި ޚިދުމަތް ދޭ ތަންތަނަށް އައިޓީ ސާމާނު ހަދިޔާ ކޮށްފި

vhj-1.jpeg

ރާއްޖެތެރޭގެ ސިއްހީ ހިދުމަތް ދޭ ތަންތަން ޑިޖިޓަލްކޮށް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ތަކެތި 183 ތަނަކަށް ހަވާލުކޮށްފި އެވެ.

ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން، ސަރުކާރުން ވަނީ ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލަށާއި 15 އަތޮޅު ހޮސްޕިޓަލް އަދި 163 ސިއްހީ މަރުކަޒަށް އައިޓީ ސާމާނު ހަވާލު ކޮށްފަ އެވެ.

މީރުމާ ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ އެތަންތަނުގެ އިސްވެރިންނެވެ.

ހެލްތް މިނިސްޓްރީން ބުނީ، ސިއްހީ ދާއިރާގެ އައިޓީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ކުރިއަށް ގެންދާ އެ މަސައްކަތަކީ ރާއްޖޭގައި ހިންގާ އައިސީޓީ ހާޑްވެއާގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓްކަމަށެވެ. މި ތަކެތީގެ އަގު 53 މިލިއަން ރުފިޔާ އަށް އަރަ އެވެ.

މިއަދު ހަވާލުކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 608 ކޮމްޕިއުޓަރު ސިސްޓަމް، 44 ލެޕްޓޮޕް، 500 ޓެބްލެޓް، 14 ވީޑިއޯ ކޮންފަރެންސް ސިސްޓަމް، އަދި 551 ޕްރިންޓަރެވެ.

ހެލްތު މިނިސްޓްރީން ބުނީ، މި އިކުއިޕްމަންޓްގެ ސަބަބުން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް އައިޓީ ސާމާނު ލިބުން ދަތިވާ މައްސަލައަށް ހައްލެއް ލިބުމުގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އެއް ސިސްޓަމަކުން ގުޅާލުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top