ޢަބްދުﷲ ޖަމީލު އަވަހާރަވެއްޖެ. ގައުމީ ހިތާމައިގާ ތިން ދުވަސް

301355-f595710b-8-1536x982-1.jpg

ދިވެހި ރައްޔިތުންރަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްތަކެއް ކުރައްވާފައިވާ މ. ދޫރަސް އަބްދުﷲ ޖަމީލު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) އަވަހާރަވެއްޖެ އެވެ.

ޢަބްދުﷲ ޖަމީލް އަވަހާރަވުމުގެ ހިތާމައިގައި ޖޫން މަހުގެ 13 ވާ އަންގާރަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.

އަބްދުﷲ ޖަމީލް އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާފަންނު ދޫރެސްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 87 އަހަރެވެ.

ޢަބްދުﷲ ޖަމީލުގެ ޖަނާޒާ ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވައިފައި ވަނީ ރަސްމީ އިއްޒަތުގައެވެ. މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޖަމީލު ވަނީ 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި ދިވެހި ގައުމަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވައިފައެވެ. ސަރުކާރުގެ ޚިދުމަތަށް އެމަނިކުފާނު ނުކުންނެވީ ، 6 މޭ 1953 ގައި ވުޒާރަތުލް މުވާޞަލާތުގެ އޮބްޒަރވަރެއްގެ ގޮތުގައެވެ. ދެން ބަދަލުވެވަޑައިގަތީ، ވުޒާރަތުލް މާލިއްޔާގެ ކާތިބެއްގެ ވަޒީފާއަށެވެ. އޭގެފަހުން އެމަނިކުފާނު އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، ވަޒީރުލްއައުޒަމް އޮފީހުގެ ސެކްރެޓެރީ ކަމާއި، ހިންގާ ސެކްރެޓެރީ ކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ސެކްރެޓެރީ ކަމާއި، ހިންގާ ސެކްރެޓެރީ ކަމާއި، ކޮޔަރ އެންޑް ކަވަރީޒް އެޑްވައިޒަރީ ބޯޑުގެ ހއ.މެންބަރު ކަމާއި، އެ ބޯޑުގެ ތ. އަތޮޅު މެންބަރު ކަމާއި، ސިނަމާ ކުންފުނީގެ ވިޔަފާރީގެ މެނޭޖަރު ކަމާއި، ގައުމީ ކުންފުނީގެ ވިޔަފާރި މެނޭޖަރު ކަމާއި، ގައުމީ ކުންފުނީގެ 1 ނަންބަރު މަސް ފިހާރައިގެ މެނޭޖަރުކަން ހިމެނެއެވެ.

ރައީސް އިބްރާހީމް ނާސިރު، 11 ނޮވެންބަރު 1968 ގައި ރައީސް އިބްރާހީމް ނާސިރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ޢަބްދުﷲ ޖަމީލް ހަމަޖެއްސެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޚާއްސަ ވަކީލު ކަމުގެ މަގާމަށެވެ. އޭގެފަހުން، އެ މިނިސްޓްރީގެ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލު ކަމުގެ މަގާމާއި، އޯޑިޓް އޮފީހުގެ ވެރިޔާ ކަމުގެ މަގާމާއި، ޕަބްލިކް މެއިންޓެނަންސް ޑިވިޜަން (ހ)ގެ ވަކީލު ކަމުގެ މަގާމާއި، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަންގެ ވަކީލު ކަމުގެ މަގާމާއި، ޝިޕިންގ ޑިޕާޓްމަންޓްގެ ވަކީލު ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.

11 ނޮވެންބަރު 1978 ގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްގައްޔޫމް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އަބްދުﷲ ޖަމީލް އައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކްރެޓެރީ ކަމުގެ މަގާމަށެވެ. އޭގެފަހުން 16 ޑިސެންބަރު 1978 ގައި ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓެރީ ކަމުގެ މަގާމަށް އެމަނިކުފާނު ބަދަލުކުރެއްވިއެވެ. އަދި 11 ނޮވެންބަރު 1982 ގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ކަމުގެ މަގާމަށް އެ މަނިކުފާނު އައްޔަން ކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top