ސްކޭމްތަކާ ދެކޮޅަށް ރައްކާތެރިކަން ވަރުގަދަކުރުމަށް އިންޓަނެޓް ބޭންކިން އާއި ކާޑުތަކުގެ ހިދުމަތް އަމިއްލައަށް ކަނޑާލެވޭ “ކިލް ސްވިޗް” ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ތައާރަފްކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ “ކިލް ސްވިޗް” ބޭނުންކޮށްގެން ވަގުތުން އެކްޓިވްކޮށް ހުންނަ އިންޓަނެޓް އަދި މޯބައިލް ބޭންކިންގެ ސެޝަންތަކުން ލޮގްއައުޓްވެ، ސްކޭމެއް މެދުވެރިވާ ހާލަތްތަކުގައި އިތުރު މުއާމަލާތެއް ހިނގުމުގެ ކުރިން ކާޑުތައް ފްރީޒްކޮށްލެވޭނެ ކަމަށެވެ. އަދި މިއީ ކަސްޓަމަރުން ބޭންކަށް ގުޅައިގެން އެކްޓިވް ކުރުމުގެ ބަދަލުގައި ވަގުތުން އެކްޓިވްވާނެ ފަންކްޝަނެއް ކަމަށްވެސް ބުންޏެވެ.
މި ކިލް ސްވިޗް ބޭނުންކުރުމަށްފަހު، ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން އަދި ކާޑުތައް އަލުން ރީއެކްޓިވޭޓް ކުރެވޭނީ ބޭންކަށް ގުޅައިގެން ނުވަތަ އެންމެ ކައިރި ބްރާންޗަކަށް ގޮސްގެންނެވެ. ފްރީޒް ކުރާ ކާޑެއް ނުވަތަ އިންޓަނެޓް ބޭންކިން އެކްޓިވޭޓްކޮށްދޭނީ ވެރިފިކޭޝަން ޕްރޮސެސްއަކަށް ފަހުގައި ކަމަށް ބީއެމްއެލުން ބުންޏެވެ.
ކިލް ސްވިޗް އެނޭބަލް ވުމުން ސްކްރީން އަށް އަދި އެސްއެމްއެސް މެދުވެރިކޮށް ކޮންފަމޭޝަން ލިބޭނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ކާލް ސްޓުމްކަ ވިދާޅުވީ މި ފީޗާ އަކީ ސްކޭމް އާ ދެކޮޅަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ތައާރަފްކުރި ފީޗާ އެއް ކަމަށެވެ. އަދި ސްކޭމެއް ހިނގައިފިކަމަށް ކަސްޓަމަރަށް ފާހަގަވުމުން، ކަސްޓަމަރުންނަށް ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކާޑުތަކާއި އިންޓާނެޓް ބޭންކިން ފްރީޒް ކުރެވޭނެ ކަމަށެވެ.
ބީއެމްއެލްގެ ކާޑުތައް ފްރީޒްކޮށްލެވޭ ފީޗާއެއް މީގެ ކުރިންވެސް އިންޓަނެޓް ބޭންކިންގެ ތެރޭގައި ހިމަނާފައިވެއެވެ.
ބޭންކުން ބުނީ މިފާއިތުވި މަސްތަކުގައި ކަސްޓަމަރުން ސްކޭމްއިން ރައްކާތެރިކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މަހު ބޭންކުން އިންޓަނެޓް އަދި މޯބައިލް ބޭންކިން ލޮގިންއަށް ޓޫފެކްޓަ އޮތަންޓިކޭޝަން (2 އެފްއޭ) ތައާރަފްކޮށްފައިވާ އިރު، އަލަށް ގެނެވުނު އަޕްޑޭޓާ އެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލޭޔާއެއް ވަނީ އިތުރުކޮށްފައެވެ.