ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ބ. ކެންދޫގައި ފެންބޮޑުވެ، އާންމުންނަށް ބޮޑެތި ދަތިތަކާ ދިމާވުމާ ގުޅިގެން އެރަށު ކައުންސިލުން ފުލުހުންނާ، ބ. އަތޮޅު ކައުންސިލްގެ އެހީއަށް އެދިއްޖެއެވެ.
ކެންދޫ ކައުންސިލުން ބުނީ މިއަދު މެންދުރުފަހު އެރަށަށް ކުރި ވިއްސާރައިގައި މެދުނުކެނޑި ފަސްގަޑިއެއްހާއިރު ވާރޭވެހި އެރަށުގެ މަގުތަކުގައި ދެފޫޓާ ދެފޫޓް ބަޔާ ދެމެދުގެ ފުންމިނަކަށް ފެންގަނޑު ހެދިފައިވާކަމަށެވެ. އެރަށު ކައުންސިލް މެމްބަރ އިބްރާހީމް އަބްދުއްރަހްމާން އީވީއަށް ވިދާޅުވީ ފުލުހުންނާ އަތޮޅު ކައުންސިލްގެ އެހީއަށް އެދުނީ ފެންބޮޑުވެ، ރަށުގެ 10 ގެއަކަށް ފެންވަދެދާނެކަމުގެ ބިރު ހީވެގެންކަމަށެވެ.
“10 ގެއެއްގެ ދޮރުމަތީގައި މިހާރުވެސް ވެލިބަސްތާ ޖަހައިގެން މިއުޅެނީ. އެހެންނޫންނަމަ އެގޭގެއަށްވެސް ފެންވަދެއްޖައިސް މިހާރު. ފެން ހިއްކާދިނުމުގެ އެހީތެރިކަމަށް އަތޮޅު ކައުންސިލާ ފުލުހުންނަށް ދެންނެވީ އިރުއޮއްސުނުފަހުން.”
ބ. އަތޮޅު ކައުންސިލުން ބުނީ ކެންދޫގައި ފެންބޮޑުވެފައިވާތީ، އެރަށު ކައުންސިލުން އެހީއަށް އެދިފައިވާކަމަށާ، ފުލުހުންނާ ގުޅިގެން އެރަށުގެ ހާލަތު މޮނިޓަރ ކުރަމުންދާކަމަށެވެ. އަތޮޅު ކައުންސިލް މެމްބަރ އާއިޝަތު ޝިފާނާ ފޯނުން އީވީއަށް ވިދާޅުވީ ކެންދޫގެ ހާލަތު މިވަގުތު އަދި އެހާގޯސްނޫންކަމަށާ، ފިޔަވަޅު އަޅަންޖެހޭ ހާލަތަކަށް ފުލުހުންނާ، އަތޮޅު ކައުންސިލުން ތައްޔާރަށް އޮތްކަމަށެވެ.
“ފެންގަނޑު ބޮޑު. އެހެންނަމަވެސް ހާލަތު އެހާގޯހެއްނޫން އަދި. އެރަށުގައި ފުލުހުންވެސް މިހާރު ހަރަކާތްތެރިވާނެ. އަތޮޅު ކައުންސިލާ ފުލުހުން މިހާރުވެސް ތިބީ އެމަޖެންސީ ހާލަތަކަށް ޕަންޕްތައް ރެޑީކޮށްގެން”
ކެންދޫގައި ފެން ބޮޑުވެގެން އެރަށު ކައުންސިލުން އެހީއަށް އެދުނުއިރު، މެޓް އޮފީހުން މިއަދު ބުނެފައިވަނީ ބ. އަތޮޅުގެ ސަރަހައްދަށް ކޮޅިގަނޑުގެ އަސަރު ގަދަވާނޭކަމަށް ލަފާކުރެވޭކަމަށާ، އާންމުން އެކަމަށް ސަމާލުވުމަށް އެދޭކަމަށެވެ.