ޝައިޚް މަޖީދުގެ ދަރެސް: ކީރިތި ރަސޫލާގެ ޢީދުމީލާދު ދުވަހުގެ ރޯދަ

g.jpg

ގިނަ އިލްމުވެރިން، އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، ކީރިތި މާތް ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ފީލުބާގައިގެ މީހުން، (ކަޢުބަތުﷲ) ގެފުޅު މުގުރާލަން އައި އަހަރު ރަބީޢުލްއައްވަލްމަހުގެ 12 ވިލޭރޭ ފަޖުރު ލުމުގެ ކުޑަތަންކޮޅެއް ކުރިންނެވެ.

ކީރިތި މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމައަކީ، އެކަލޭގެފާނުގެ ޢުމުރުފުޅުން 40 އަހަރު ފުރިހަމަ ވުމުން، ޢާލަމްތަކަށް ރަޙްމަތެއްކަމުގައި، އެންމެހާ ޖިންނީންނާއި އިންސީންގެގާތަށް، މާތްﷲ ފޮނުއްވި، ނަބީކަމާއި ރަސޫލުކަން ޚަތިމް ކުރެއްވި މާތް ސާހިބާއެވެ. އެކަލޭގެފާނު ފޮނުއްވުނީ، އެންމެހާ ޖިންނީންނާއި އިންސީން ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރުމަށް ދާންވީ މަގު އަންގައިދިނުމަށެވެ. ޖަހާލަތުގެ އަނދިރިކަމުގެތެރެއިން އަލިކަމުގެތެރެއަށް ނުކުތުމަށް ދާންއޮތް ސީދާމަގު ދައްކައިދިނުމަށެވެ. އަޅުތަކުންގެ ޢަޤީދާ ބަހައްޓަންވީ ގޮތާއި، އެކިއެކި އަޅުކަންތައްތަކާއި، އެކިއެކި މުޢާމަލާތުތައް، ކުރުމުގެ ޞައްޙަގޮތާއި، އަދި އަޚްލާޤީ ސިފަތަކުން ޒީނަތްތެރިވާންވީ ރަނގަޅު ގޮތް ދަސްކޮށްދެއްވުމަށްޓަކައެވެ.

އެހެންކަމުން އަޅުކަމަކަށް ނުވާކަމެއް އަމިއްލައަށް ހަދައިގެން މިއީ ދީނުގައި އޮތްކަމެކޭ ކިޔައިގެން ކުރުމަކުން އަޅުކަމަކަށް ނުވާނެއެވެ. ރަމަޟާންމަހުގެ ފަރްޟު ރޯދައިގެ އިތުރުން ރޯދަހިފުން ސުންނަތްވެގެންވާ ދުވަސްތަކެއް، މާތްﷲ އިސްލާމްދީނުގައި ލައްވަވާފައިވެއެވެ. އެގޮތުން ބަލާއިރު، ރަބީޢުލްއައްވަލްމަހުގެ 12 ވަނަ ދުވަހަކީ، އިލްމުވެރިން ވިދާޅުވާ ގޮތުގައި ރޯދަހިފުން ސުންނަތްވެގެންވާ ދުވަހެއްނޫނެވެ. ނަމަވެސް، ކީރިތި މާތް ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ އުފަންވެވަޑައިގަތީ ހޯމަދުވަހެއްގައެވެ. އެހެންކަމުން ހޯމަދުވަހު ރޯދަހިފުމަކީ، ސުންނަތެކެވެ.

އެކަމުގެ ދަލީލަކީ، “މާތްﷲ ރުއްސުންލެއްވި އަބޫޤަތާދަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ހަމަ ކަށަވަރުން ހޯމަދުވަހު ރޯދަހިފުމާ ގުޅޭގޮތުން ރަސޫލުﷲޞައްލަﷲޢަލައިހިވަސައްލަމަގެ އަރިހުގައި ސުވާލުދެންނެވުނެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.(އެއީ، އެދުވަހު، ތިމަންކަލޭގެފާނު އުފަންވެވަޑައިގެން ދުވަހެވެ. އަދި އެއީ، އެދުވަހު، ތިމަންކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނު ދުވަހެވެ.) ނުވަތަ އެކަލޭގެފާނު ޙަދީޘްކުރެއްވީ، (އެއީ، ތިމަންކަލޭގެފާނުގެ މައްޗަށް ކީރިތިޤުރްއާން ބާވައިލައްވަން ފެއްޓެވުނު ދުވަހެވެ.” (އަލްއިމާމު މުސްލިމު ރިވާކުރެއްވި ކީރިތިރަސޫލާގެ ބަސްފުޅުގެ މާނަ)

އިސްވެދިޔަ ބަސްފުޅުން ދޭހަވާގޮތުގައި ރޯދަހިފުން ސުންނަތެއްގެގޮތުގައި ލައްވަވާފައިވަނީ، ރަބީއުލްއައްވަލްމަހުގެ ބާރަވަނަ ދުވަހެއްނޫނެވެ. ރޯދަހިފުން ސުންނަތެއްގެގޮތުގައި ލައްވަވާފައިވަނީ، ކޮންމެ ހަފްތާއެއްގެ ހޯމަދުވަހެވެ. އަދި އެހެންބަސްފުޅަކުން ސާބިތުވަގޮތުގައި، ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހަކީވެސް ރޯދަހިފުން ސުންނަތްވެގެންވާ ދުވަހެކެވެ. މި އަހަރު 1439 ވަނަ އަހަރު ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހާ ދިމާވީ ބުރާސްފަތި ދުވަހަކާއެވެ. މިދުވަހު ރޯދަ ހިފަންވީ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހަށް ވާތީއެއްނޫނެވެ. މި ދުވަހު ރޯދަހިފަންވީ ބުރާސްފަތި ދުވަހަކީ، ރޯދަހިފުން ސުނަނަތް ދުވަހަކަށްވާތީއެވެ. އެކަމުގެ ސުންނަތް ޙާޞިލުކުރުމަށްޓަކައެވެ.

އަޅުގަނޑުގެ ދުޢާއަކީ، އަދުގެ މުސްލިމުންނަކީ، އިސްލާމްދީނުގައި ލައްވަވާފައިވާ ސުންނަތް ރޯދަތަކަކީ، ކޮބައިކަން ރަނގަޅަށް ދެނެތިބެ އެރޯދަތައް ހިފަންޖެހޭ މުނާސިބު ދުވަސްތަކުގައި ރޯދަހިފުމަށް ލޯބިކޮށް، ﷲގެ ދަރުމައާއި ޘަވާބަށް އެދި ސުންނަތްރޯދަތައް ހިފާ ބަޔަކުކަމުގައި މާތްﷲ މިންވަރުކުރެއްވުމެވެ.

އެޑިޓަރުގެ ނޯޓް: “ޝައިޚް މަޖީދުގެ ދަރެސް” އަކީ ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން އޭދަފުށީ ވޮއިސްގެ ފަރާތުން ގެނެސްދޭ ސިލްސިލާއެކެވެ. މި ސަފްހާ ގައި ލިއުއްވަމުންގެންދަވާނީ ޝައިޚް މަޖީދުއެވެ. 

އޭދަފުށީ ފިނިހިޔާގޭ ޢަބްދުލް މަޖީދު މުހައްމަދު އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރ ސިޓީއިން ޤުރުއާން ތަފްސީރުގެ ރޮނގުން ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އަމިއްލަފުޅުރަށުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ކީރިތި ޤުރުއާންގެ އިމްލު އުނގަންނައި ދެއްވުމަށްމަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ވަޒީފާއަދާކުރައްވަމުން ގެންދަވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. އީވީ ގެ ދީނީ ސަފްހާ މުއްސަނދި ކޮށްދެއްވުމަށް ޝައިޚްގެ ދަރުމަވެތި މި އެހީތެރިކަމަށް ޝުކުރުވެރިވަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top