ސްކޫލް ކުދިން ރޭގަނޑު 10ގެ ފަހުން ބޭރުގައި އުޅުން މަނާ!

DSCN1023.jpg

ބެލެނިވެރިއެއްގެ ހުއްދައާއި ނުލާ ރޭގަނޑު 10ގެ ފަހުން ސްކޫލް ދަރިވަރުން ބޭރުގައި އުޅުމާއި ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން މަނާކޮށް “ސްކޫލް ދަރިވަރުންގެ އާންމު ގަވާއިދު” ނެރެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ މި ގަވާއިދުގެ ބޭނުމަކީ ދަރިވަރުން އަމަލު ކުރާނެ އެއް މިންގަނޑެއް އޮތުމެވެ. އެ މިނިސްޓްރީން ބުނީ ސްކޫލްތަކުގެ ދަރިވަރުން އަމަލުކުރާނެ ގަވާއިދެއް އޮތުމާއި، ސްކޫލުން ބޭރުގައި ދަރިވަރުންގެ އުޅުން ބައްޓަން ކުރާނެ މިންގަނޑުތަކެއް ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި ގަވާއިދު ނެރުމާއެކު އެއަށް އަމަލު ކުރަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގައިފައެވެ.

މި ގަވާއިދުގައި، މަތީ ސާނަވީ ދަރިވަރުންނަށް ޚާއްސަ ހުއްދައެއްގެ ދަށުން ސްކޫލް ގަޑީގައި މޯބައިލް ފޯނު ބޭނުން ކުރެވޭ އިސްލާހެއް ވަނީ ހިމަނާފައެވެ.

އަދި ދަރިވަރުންގެ އަޚުލާގީ މިންގަނޑު ހުންނަންޖެހޭ ގޮތްތަކާއި، ސްކޫލަށް ހާޒިރުވުމާއި ދަރިވަރުންގެ ޔުނިފޯމް ކޯޑުގައި ހުންނަންޖެހޭ މިންގަނޑު މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވެ އެވެ.

ސްކޫލާއި، ސްކޫލުން ބޭރު ހަރަކާތްތަކުގައި ބައިވެރިވުމުގައި އަމަލު ކުރާނެ ގޮތް ވެސް ކަނޑައަޅާފައިވާއިރު ސްކޫލުން ބޭރުގައި ހިނގާ ފިލްމު، ތަމްސީލް، އިޝްތިހާރު ނުވަތަ މީޑިއާގައި ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވެވޭނީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާއެކު ކަމަށް ބުނެފައިވެއެވެ.

މިގަވާއިދުގެ ދަށުން ތައުލީމުގެ ބޭނުމަށް ހިންގޭ ތަމްރީނުތައް ފިޔަވައި، 16 އަހަރުން ދަށުގެ ކުދިން އެއްވެސް ވަޒީފާއެއް އަދާކުރުމަކީ ހުއްދަކަމެއް ނޫނެވެ.

ގަވާއިދާ ޚިލާފުވާ ދަރިވަރުންނާ މެދު “ބިހޭވިއާ މެނޭޖްމަންޓް ޕޮލިސީ” އާ އެއްގޮތަށް އަމަލުކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top