އޭދަފުށި އަނެއްކާވެސް މޮނިޓަރިން އަށް

IMG_20211023_174459165.jpg

އޭދަފުށި

އޭދަފުށީގައި ކޯވިޑް-19 ފެތުރޭތީ އިއްޔެއިން ފެށިގެން ރަށަށް އަރައި ފޭބުން މަނާކޮށް އަނެއްކާވެސް މޮނިޓަރިން ހާލަތަށް ގެނެސްފި އެވެ. އޭދަފުށި އެންމެފަހުން މޮނިޓަރިން އަށް ލާފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އޭދަފުށީި މޮނިޓަރިންއަށް ލާފައިވާ އިރު އިއްޔެއާއި ހަމައަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ 49 މީހުން އެބަތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އޭދަފުއްޓާއެކު ޖުމްލަ 14 ރަށް މޮނިޓަރިން ގައި އޮތްކަމަށް އެޗްޕީއޭގެ ހިސާބުތަކުން  ދައްކާއިރު މުޅި ރާއްޖޭގައިވެސް ކޮވިޑްގެ ހާލަތު ވަނީ ނުރައްކާތެރި ހާލަތަކަށް ގޮސްފަ އެވެ. ހާލަތު މި ފަހަރު ގޯސްވީ ކޮވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންގެ ކޭސްތައް ރާއްޖެއިން ފެންނަން ފެށުމުންނެވެ.

އެގޮތުން މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ވަނީ 2137 މީހުން އަލަށް ޕޮޒިޓިވް ވެފަ އެވެ. މިއީ މި ފަހުން މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަހެވެ. މި ނަންބަރާއެކު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 108،732 އަށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 9،574 އަށް އަރާފައެވެ.

އަތޮޅުތެރޭގެ ހާލަތަށް ބަލާއިރު އިއްޔެ 547 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އަދި ރިސޯޓްތަކުން ބަލި ޖެހޭ މީހުންގެ ނިސްބަތްވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް  ރިސޯޓްތަކުން ބަލި ޖެހޭ އަދަދަު އުޅެނީ 100 އިން މަތީގައެވެ.

މާލެއާއި އަތޮޅުތެރޭގައި ނުރައްކާތެރި ދަރަޖައަށް ކޮވިޑް ފެތުރެމުން ދާއިރު ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަަކަށް މާބޮޑު ސަމާލު ކަމެއް ނުދެއެވެ. ސިޔާސީ ވެރީން ތިއްބެވީ ކެންޕެއިނަށް އަތޮޅުތަކަށް ދަތުރުކުރުމުގައި އަވަދިނެތި އެވެ. ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެބޭފުޅުން އިސްތިސްނާ އޭ ބުނާ ކަހަލަ ގޮތަކަށް އަމަލުތަކުން ދައްކަ އެވެ.

ކޮވިޑާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރަން ފުލުހުންގެ އިދާރާއިން މާ ބޮޑު މަސައްކަތްތަކެއް ކުރާތީއެއް ނުފެނެއެވެ. އެޗްޕީއޭ އާއި އެޗްއީއޯސީންވެސް ކޮވިޑް ނަންބަރު ބުނެލުން ފިޔަވައި އިތުރު މަސައްކަތް ތަކެއް ކުރާތަނެއް ނުފެނެ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top