ބ. ކުޑަރިކިލުގައި ކުރިން ހުރި ޑޮކްޓަރު ޗުއްޓީއަށް ފޮނުވީ، މިނިސްޓްރީ އޮފް ހެލްތަށް އެންގުމަކާ ނުލައި އެ ރަށު ސިއްހީ މަރުކަޒުން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތުމުގެ ސަބަބުން، އެ ރަށުގެ ބައެއް ރައްޔިތުން ނުކުމެ އެކަމާ ނުރުހުން ފާޅުކޮށް، އެ މަރުކަޒު އިއްޔެ ވަނީ ބަންދުކޮށްފައެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ކުޑަރިކިލުގައި ކުރިން ހުރި ޑޮކްޓަރު ޗުއްޓީއަށް ފޮނުވީ އެ މިނިސްޓްރީއަށް ނޭނގި ކުޑަރިކިލު ސިއްހީ މަރުކަޒުން ކަމަށެވެ.
ސިއްހީ މަރުކަޒު ބަންދު ކުރި ފަހުން ޑޮކްޓަރަކު ހަމަޖައްސައި މިއަދު އެރަށަށް ވަނީ ޑޮކްޓަރެއް ފޮނުވައިފަ އެވެ.
ވަގުތީ ގޮތުން މިއަދު އެރަށަށް ފޮނުވާފައިވަނީ ބ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އައި ޑޮކްޓަރެކެވެ.